ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލުމަށް ރެއާލުން ނިންމާފައިނުވާ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ، މޮރާޓާ އަވަސް މުސްތަގުބަލެއްގައި ރެއާލް ދޫކޮށްލާނެކަމަށް އޭނާ ނުދެކޭ ކަމަށާއި، ކްލަބުންވެސް މޮރާޓާ ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
ޕެރޭޒް ވިދާޅުވީ، މޮރާޓާ އާއި އޭނާގެ ބައްޕައާ ވާހަކަ ދެއްކި ކަމަށާއި، އެމީހުން ތިބީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އެހެންނަމަވެސް 75 މިލިއަން ޔޫރޯ މޮރާޓާއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތަކެއް ބުނަމުން އަންނަ ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރާޓާގެ އެޖެންޓް ޖުއަންމާ ލޮޕޭޒް ބުނީ ޔުނައިޓެޑަކީ މޮރާޓާ ބަދަލުވާން ވަރަށް ރަނގަޅު ކްލަބެއް ކަމަށާއި، އެ ކްލަބުން މިހާރު މޮރާޓާއަށް ބިޑްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލޮޕޭޒް ބުނީ އެކަމާ ގުޅިގެން އޭނާއަށް އިތުރު އެއްޗެއް ބުނެވެން ނެތް ކަމަށާއި، ހުރިހާ ބާރެއްވެސް އޮތީ ރެއާލް އަތް މަތީގައި ކަމަށެވެ.
ރެއާލް މެޑްރިޑް ޔޫތު ޓީމުން ކެރިޔަރު ފެށި މޮރާޓާ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.
ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޔުވެންޓަސްއަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި އޭނާ ވަނީ ދެ ސީޒަން ހޭދަކޮށްފައެވެ. އެމުއްދަތުގައި އެޓީމަށް ކުޅުނު 93 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.
ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.
ކުރިއަށް އޮތް ސީޒަނަށް ރެއާލް ދޫކޮށް ގިނަ ކުޅުންތެރިން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ހަމޭސް ރޮޑްރިގޭޒް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެއެވެ. މީގެއިތުރުން ޕެޕޭ ވަނީ ކްލަބް ދޫކޮށްލާނެ ކަން އިއުލާންކޮށްފައެވެ.