ރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގުކާއިރު މިހާރު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާ ރިޔާސީ ޓިކެޓް އަރުވާފައިވާ ޔާމީން ގައުމީ ދުވަހުގެ މެސެޖު ޓުވީޓްކުރައްވަމުން ފެއްޓެވީ "ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ" ހިތްދަތިކަމާއެކުއެވެ.
ގައުމީ ދުވަސް އެ ބޭފުޅަކާ ގުޅުވައިގެން ފާހަގަކުރާ ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާން އައު ކުރައްވަމުން، މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށް އިދިކޮޅު ކެންޑިޑޭޓް ވިދާޅުވިއެވެ.
ޔާމީން ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވީ، މި އަހަރުގެ މެއި މަހު އެވެ. އެ އެކައުންޓު މެދުވެރިކޮށް، ސިޔާސީ ޓްވީޓުތަކުގެ އިތުރުން ގައުމީ އެކި މުނާސަބަތުތަކުގައި ޓްވީޓު ކުރައްވައެވެ. ނަމަވެސް އާންމުކޮށް ޓްވީޓްކުރައްވަނީ އިނގިރޭސި ބަހުންނެވެ.
ޔާމީން އެންމެ ގިނައިން ޓްވީޓު ކުރައްވާފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އެކަމާ ގުޅޭގޮތުންނެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ޔާމީން ކުރިމަތިލައްވާއިރު އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. އެ މައްސަލައިގައި މިހާރު ހެކިބަސް ނަގައި ނިމިފައިވާއިރު ދެން އޮތީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުކުމް ކުރުމާއި ހިސާބަށް ދިޔުމުގެ ކުރިިން އިއްވާ ހުލާސާ ބަޔާން އިއްވުމެވެ. މިއިން އެއްވެސް ދައުވާއެއް ސާބިތުވެއްޖެނަމަ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދައެއްނުކުރެއްވޭނެއެވެ.