ޔުވަންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭޒް މެންޗެސްޓާ ސިޓީއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ގޯލް ޑޮޓްކޮމް އިން ބުނީ ޓްރާންސްފާއާ ގުޅޭ ގޮތުން އަލްވޭޒް ވަނީ ހޯމަ ދުވަހު ޔުވަންޓަސްގެ އިސްވެރިންނާވެސް ބައްދަލުކޮށްފައެވެ. އެގޮތުން އޭނާ ސިޓީއަށް ބަދަލުވާން އެއްބަސްވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މީގެކުރިން ބާސާއަށް ކުޅެފައިވާ އަލްވޭޒް އަށް ޔުވަންޓަސް އިން ހަފްތާއެއްގެ މައްޗަށް 85،000 ޕައުންޑު ލިބޭއިރު، ބަސާގައި ހުރިއިރު އޭނާ އަށް ހަފްތާއެއްގެ މައްޗަށް 100،000 ޕައުންޑު ލިބެއެވެ.
އުމުރުން 34 އަހަރުގެ އަލްވޭޒް ހޯދުމަށް ސިޓީން ފަސް މިލިއަން ޕައުންޑު ހުށަހަޅާފައިވާކަމަށާއި، އޭނާގެ ޓްރާންސްފާގެ ކަންތައްތައް ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ސިޓީން ހާމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަލްވޭޒް ހޯދުމަށް ސިޓީގެ އިތުރުން ޗެލްސީންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާއަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަލްވޭޒް ވަނީ ބާސާ ދޫކޮށްލުމަށް ފަހު ބާސާ އަށް ބަދަލުވެ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި އެޓީމަށް ލީގު ތަށި އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އެޓީމު ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާ އަށް ބަދަލުވި މިހާރު އުމުރުން 33 އަހަރުގެ ޑެނީ އަލްވޭޒް ވަނީ އެޓީމުގައި ހޭދަކުރި އަށް ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.
ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ އަލްވޭޒް ޔުވަންޓަސް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 32 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.