Advertisement
ހދ.ފިނޭ
|
26 ސެޕްޓެންބަރ 2022 | ހޯމަ 19:20
ރައީސް ފިނޭ ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް ފިނޭ ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ފިނޭ ކައުންސިލް ބައްދަލުވުން
ސަރުކާރާ މެދު ރައްޔިތުންގެ އުއްމީދާއި އިތުބާރު އެބައޮތް - ފިނޭ ކައުންސިލް
ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާކުރައްވާފައިވޭ
ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢުގެ ބީލަމުގެ މަރުޙަލާތައް ކުރިޔަށްދޭ

މި ސަރުކާރާ މެދު ރައްޔިތުންގެ އުއްމީދާއި އިތުބާރު އެބައޮތް ކަމުގައި ހދ. ފިނޭ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު، ފިނޭ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް، ހދ. ފިނޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލު ކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭ ކައުންސިލުން ވަނީ، މި ސަރުކާރުން، ފިނޭގައި ބޮޑު ތިން މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަން، ފާހަގަކުރައްވައި މި ސަރުކާރާ މެދު ފިނޭގެ ރައްޔިތުންގެ އުއްމީދާއި، އިތުބާރު އޮތްކަމުގައި ވިދާޅުވެފައެވެ. އަދި، މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ފިނޭގައި ހިންގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ފިނޭ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ސްކޫލް ޢިމާރާތް ބާވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އިޖުތިމާޢީ މަރުކަޒެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިކަން ހިމެނެއެވެ.

Advertisement

މީގެ އިތުރުން ވޮލީ ކޯޓުގެ މަސައްކަތް ނުނިމި އޮތުމާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ނުލިބުމުގެ ދަތިކަން ކައުސިލް މެމްބަރުން ފާހަގަކުރެއްވިއެވެ. ފިނޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުންނާއި އ.ތ.މ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށް ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މިގޮތުން، ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢުގެ ބީލަމުގެ މަރުޙަލާތައް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ފިނޭއަކީ ކުށްމަދު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެއްކަމުގައި ވުމަކީ، އުފާ ކުރައްވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.ފިނޭގައި މި ސަރުކާރުން ހިންގި ބޮޑެތި ބައެއް މަޝްރޫޢުތައް މިހާރު ވަނީ މުޅިން ނިމިފައެވެ. އޭގެ ތެރޭގައި ރައްކާތެރި ބޯފެން ލިބޭނޭ ނިޒާމް ޤާއިމް ކުރުމާއި، ފެނާއި ނަރުދަމާ އެޅުމާއި، އާ އިންޖީނުގެއަކާއި އޮފީސް ޢިމާރާތް ތަރައްޤީ ކުރުމާއި، ރަށުގެ ކަރަންޓް ނެޓްވޯރކް ބަދަލުކުރުމުގެ މަޝްރޫޢު ވަނީ ނިމިފައެވެ.

މީގެ އިތުރުން އާރް.ޓީ.އެލް.ގެ ހައި-ސްޕީޑް ފެރީގެ ޚިދުމަތްވެސް ފިނޭގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.ފިނޭއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަންނަވާނީ ހއ. އުތީމަށެވެ. އަދި އެރަށުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދާ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް