ބަހަށް ދަތިވާ ގޮތަށް ޕާކު ކޮށްގެން މިދިޔަ ހަފްތާގައިވެސް 35 އުޅަނދު ޓޯކޮށްފިއެވެ.
ހޯމަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 18ން 24ށް އަށް ޖުމްލަ 453 އުޅަނދެއްގައި ވަނީ ވައިލޭޝަން ސްޓިކަރ ޖަހާފައެވެ. މި އުޅަނދުތަކަކީ ބަހުގެ ޚިދުމަތް ދޭ މަގުތަކުގައި ޕާކު ނުކުރެވޭނެ ކަމަށާއި ޕާކު ކުރަން ޖެހޭނީ އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ތަންތަނުގައި ކަމަށް ފުލުހުން ބުނެފައިވަނިކޮށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ.
މިނީ ބަހުގެ ޚިދުމަތް ދެމުން އަންނަނީ މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށްވުން އެ ސަރަހައްދުތަކުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. އަދި ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް މިހާރު ފުލުހުން ވެސް އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެއެވެ. އެގޮތުން، ބަހަށް އުނދަގޫވާގޮތަށް ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހައި، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރާނެ ކަމަށް ފުލުހުން ވަނީ މި މަހުގެ 6 ވަނަ ދުވަހު އާއްމުކޮށް އިއުލާންކޮށްފައެވެ.
މިކަން އިއުލާން ކުރުމަށްފަހު ފުރަތަމަ ހަފްތާގައިވެސް 538 އުޅަނދުގައި އޭރު ވައިލޭޝަން ސްޓިކަރ ޖަހާފައިވެއެވެ. އޭގެ ޖެހިގެން އައި ހަފްތާގައި މިވަނީ 453 އުޅަނދެއްގައި ވައިލޭޝަން ސްޓިކަރ ޖަހާފައެވެ.
އޭގެ އިތުރުން، ނިމިދިޔަ ހަފްތާގައި ބަހަށް ދަތިވާ ގޮތަށް ޕާކު ކޮށްގެން 32 ސައިކަލާއި، 3 ކާރު ވަނީ ޓޯ ކޮށްފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މިނީ ބަހުގެ ޚިދުމަތް މާލޭގައި ދޭން ފެށީ މި މަހުގެ 5 ވަނަ ދުވަހު އެވެ. މި ޚިދުމަތް އެ ކުންފުނިން ދެމުން އަންނަނީ 3 ރޫޓެއްގައެވެ. އެއީ މަޖީދީމަގު ރޫޓާއި އޯކިޑު މަގު ރޫޓާއި އަމީނީ މަގު ރޫޓެވެ.
މިނީ ބަހުގެ ޚިދުމަތް ދިނުމަށް މާލޭގައި 42 ބަސްސްޓޮޕް ހަދާފައިވާއިރު މި ޚިދުމަތް ދެނީ 18 ބަސް ބޭނުން ކޮށްގެންނެވެ. މި ޚިދުމަތް ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން މެންދަމު 12:15 އާ ހަަމައަށް ފޯރުކޮށްދެއެވެ.