މަސްވެރިން ބާނާ މަސް ނުކިރޭ އިރު، މަސްވެރިންގެ އަތުން މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފައި ވާތީ އާއި މަސްވެރިންނަށް މަހުގެ ހަމަ އަގު ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަަލައިގަނެފައި ވަނީ ޖުމްލަ 25 މެމްބަރުންގެ ވޯޓާއެކުއެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ހަތަރު މެމްބަރުން ވޯޓުދެއްވާފައި ވާއިރު މައްސަލަ ބަލައިގަތުމާއި މެދު ވަކިކޮޅަކަށް ވޯޓުނުދެއްވާ އެއް މެެމްބަރަކު އިންނެވިއެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވާ ސަބަބާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ ދުވަސްވަރަކަށް ވީ ނަމަވެސް މަސްވެރިން ބާނާ މަސް ގަންނަ މިންވަރު ލިމިޓުކޮށްފައި ވާތީ މަސްވެރިންނަށް ދަތިވާ ކަމަށެވެ. އެގޮތުން މަސްވެރިން ގަދަ އަވީގައި ނުކުމެ މަސްވެރިކަންކޮށްގެން ބާނާ މަސްކޮޅު ކިރުވަން އެތައް ދުވަހަކު ކިޔުގައި ތިބެން ޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަހުގެ 90 އިންސައްތަ އަގު ނުލިބި ބާނާ މަސްކޮޅު ބަހާލަން ޖެހުމަކީ ވެސް މަސްވެރިންގެ ކަންބޮޑުވުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެހެންމެ އެކަށީގެންވާ އަގެއްގައި މަސްވެރިންނަށް އައިސް ނުލިބޭތީ މަސްވެރިން ގޮތް ހުސްވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ ގޭދޮށު މަސް ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް އެޅުމުގެ ގާނޫނު ތަންފީޒު ނުކުރާ ކަަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. ޝިޔާމް ވަނީ އެ މަސައްކަތްކުރުމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް އޮތްކަމާ މެދު ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން ޝިޔާމް ވަނީ ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޯޓުފަހަރު އިތުރުވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.