ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 06:24
ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
ސާބާ ޗެމްޕިއަންޝިޕް
ފަހު ވަގުތު ތަފާތު ދައްކައި ރާއްޖެއިން ނޭޕާލް ބަލިކޮށްފި
ރާއްޖެއިން މެޗު ކާމިޔާބުކުރީ 47-51ން

ސާބާ ވިމެންސް ޗެމްިޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށްދެއްވި މެޗުގައި ރާއްޖެއިން ވަނީ ޖުމުލަގޮތެއްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން މެޗު ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚްލޫފްގެ އިތުރުން ސަރުކާރުގެ އިސް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަހު ވަގުތުގައި ތަފާތު ދައްކައިގެންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރާއި ދެ ވަނަ ކުއާޓަރ ރާއްޖެއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ދެ ވަނަ ކުއާޓަރ ނިމުނުއިރު ރާއްޖެއިން ލީޑުކުރަމުން ދިޔައީ 24-25ންނެވެ.

ތިން ވަނަ ކުއާޓަރަށް ނުކުމެ ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް، ލީޑުވެސް ނަގާފައެވެ. މި ކުއާޓަރުގައި ނޭޕާލުން 34-32ން ލީޑުކުރަމުން ދިޔަނަމަވެސް، ރާއްޖެއިން ވަނީ 34-34ން އެއްވަރުވެސްކޮށްފައެވެ. ނަމަވެސް ކުއާޓަރުގެ ފަހު ވަގުތު ނޭޕާލުން ވަނީ ކުރިހޯދާފައެވެ. އެއީ 26-34ންނެވެ.

ހަތަރު ވަނަ ކުއާޓަރުގައި ރާއްޖެއިން ވަނީ އަލުން ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ނޭޕާލުން ވަނީ ލީޑު ނަގައި، ފަހު ވަގުތާ ހަމައަށް ލީޑު ހިފަހައްޓާފައެވެ. ރާއްޖެއިން ވަނީ މި ކުއާޓަރުގެ ފަހު ވަގުތުގައި ތަފާތު މޮޅު ކުޅުމެއްް ދައްްކައި، ނަތީޖާ ހަމަހަމަކޮށް ލީޑު ނަގާފައެވެ. އެ ރޫހުގައި ރާއްޖެއިން ވަނީ ލީޑު ފުޅާވެސް ކޮށްފައެވެ. ރާއްޖެއިން މެޗު ނިންމާލީ 47-51ންނެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ ހޯމަ ދުވަހުގެ ރެއެވެ. އެއީ ސްރީލަންކާއާއި ބޫޓާން ބައްދަލުކުރާ މެޗެވެ. ރާއްޖޭގެ މެޗެއް ދެން އޮންނާނީ ބުދަ ދުވަހުގެ ރެއެވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

- ކޮމެންޓް