ކ. މާލެ
|
24 ސެޕްޓެންބަރ 2022 | ހޮނިހިރު 13:41
ހައުމާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަރޒީ ހަވާލުކޮށްދެއްވަނީ
ހައުމާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަރޒީ ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ސާބާ ޗެމްޕިއަންޝިޕް
ރާއްޖޭގައި މުބާރާތް އޮންނާތީ ސީރިއަސްކަން ބޮޑު- ހައުމާ
މުބާރާތް ފަށާނީ އާދިއްތަ ދުވަހުގެރޭ

ރާއްޖޭގައި ސާބާ ޗެމްޕިއަންޝިޕް އޮންނާތީ ސީރިއަސްކަން ބޮޑުކަމަށް ޓީމްގެ މުހިއްމު ކުޅުންތެރިޔާ ހައުމާ އުބެއިދުالله (ހައު) ބުނެފިއެވެ.

މުބާރާތާ ގުޅޭގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ މީޑިޔާއާ ވާހަކަދައްކަމުން ހައުމާ ބުނީ ރާއްޖޭގައި މުބާރާތް އޮންނަކަން ޤަބޫލުކުރަންވެސް ފުރަތަމަ ދަތިވިކަމަށެވެ. މިކަހަލަ ބޮޑު މުބާރާތެއް ރާއްޖޭގައި ކުޅެލަން ލިބުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށާއި, އޭގެ ސަބަބުން ކާމިޔާބީ ހޯދުމުގެ ރޫހުވެސް ބޮޑުކަމަށެވެ. އަދި މުބާރާތަށް މުޅި ޓީމްގެ ސީރިއަސްކަންވެސް ބޮޑުވެފައިވާކަމަށް ހައުމާ ބުންޏެވެ.

މިމުބާރާތް އޮންނަކަން އިނގުނީމަ ވަރަށްބޮޑަށް އެކްސައިޓްވި. ކެރިއަރ ނިންމާލާއިރު މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ކުޅެލަން ލިބުނީތީ އެއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ރާއްޖޭގައި މުބާރާތް އޮންނަ ޚަބަރު ފުރަތަމަ ލިބުނީމަ ޤަބޫލުކުރަންވެސް ފުރަތަމަ ދަތިވި. ޔަޤީންނުވެފަ ހުރީ. އެކްސައިޓްވެފަ ހުރީ, މިތާނގަ ސާބާ އޮންނަނީހޭ ހިތަށްއެރީ ހަމަ.
ހައުމާ އުބެއިދުالله / ޤައުމީ ބާސްކެޓް ޓީމްގެ މުހިއްމު ކުޅުންތެރިއެއް

ހައުމާ ބުނީ ރާއްޖޭގައި މުބާރާތް އޮންނާތީ މިއީ ވަރަށްބޮޑު ކަމެއްގެ އިހުސާސް ކުރެވޭކަމަށާއި, އެވިސްނުން ކޯޗިންގ ޓީމުންވެސް ކޮންމެ ދުވަހަކު ވިސްނައިދޭކަމަށެވެ. މުޅި ޓީމްވެސް އޮތީ މުބާރާތުގެ މުހިއްމުކަން ދަނެގެން, ރަނގަޅު ވަނައެއް ހޯދުމުގެ ރޫހުގައިކަމަށް ހައުމާ ބުންޏެވެ. އަމިއްލަ ޤައުމުގައި ރަށްޓެހިންނާއި, އާއިލާގެ ސަޕޯޓާއެކު. ދިވެހި ސަޕޯޓަރުންގެ ސަޕޯރޓް ލިބިގެން ކުޅުމަކީ ވަރަށްބޮޑު ހިތްވަރެއްކަން ހައުމާ ފާހަގަކުރިއެވެ. އޭނާ ބުނީ އެއީ ތަފާތު އިހުސާސެއްކަމަށެވެ. މުބާރާތުގެ ކުރިން ރާއްޖެއިން ބޭރުގައި ތަމްރީނު ހޯދަން ލިބުނު ފުރުޞަތަކީވެސް ވަރަށްބޮޑު ތަޖުރިބާއެއްކަން ސާބާ ޗެމްޕިއަންޝިޕުން އަންހެން ޓީމް ތިންވަނަ ހޯދިއިރު އެޓީމްގައިވެސް ހިމެނުނު ކުޅުންތެރިޔާ ބުންޏެވެ. ރާއްޖެއިން ވަނީ އިންޑިޔާއާއި, ތައިލެންޑްގައި ކޭމްޕްކޮށް މެޗުތަކެއްވެސް ކުޅެފައެވެ.

ދެ ޓްރެއިނިންގ ކޭމްޕްގެ ސަބަބުން ޓީމަށް ވަރަށް ބައިވަރު ތަޖުރިބާ ލިބުނު. ތައްޔާރުވާން ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް އެއީ. ކޯޗުންގެ ގޭމް ޕްލޭނާ އެއްގޮތަށް ޓްރެއިނިންގ ކޭމްޕްގައިވެސް ކުޅެވުނީމަ އަސްލު ވަރަށް ހިތްހަމަޖެހޭ.
ހައުމާ އުބެއިދުالله/ ޤައުމީ ބާސްކެޓް ޓީމްގެ މުހިއްމު ކުޅުންތެރިއެއް

މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ނޭޕާލް, ސްރީލަންކާ, އަދި ބޫޓާންއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެރޭ ވާދަކުރާނީ ނޭޕާލާއެވެ. މުބާރާތުގައި ވާދަކުރާ ޓީމްތައް ހުކުރު ދުވަހު ވަނީ އަންނަން ފަށާފައެވެ.

ރާއްޖޭގެ މުޅި ޓީމްގެވެސް އެދުމަކީ ރާއްޖޭގައި އޮންނަ މުބާރާތުގައި ދިވެހި ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓް ޓީމަށް ލިބުމެވެ. ސަޕޯޓަރުން މެޗު ބަލަން ގޮސް, ޓީމަށް ހިތްވަރު ދިނުމެވެ.

- ކޮމެންޓް