ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުގައި ހޮންޑިއުރަސް އާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވެއްޖެއެވެ.
މިއީ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން ކުޅޭ މެޗުތަކެކެވެ. ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން އެކުވެރިކަމުގެ ދެ މެޗު އަދި ކުޅޭނެއެވެ. އެއީ ޖެމެއިކާ އާ ދެކޮޅަށް ކުޅޭ މެޗާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
ހޮންޑިއުރަސްއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ 0-3 އިންނެވެ. މެޗުގައި އާޖެންޓީނާ އަށް ފުރަތަމަ ލީޑު ނަގައިދިނީ 16 ވަނަ މިނެޓުގައި އިންޓަ މިލާނަށް ކުޅެމުން އަންނަ ފޯވާޑް ލަޓާރޯ މާޓިނޭޒްއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީ އަކުން ލީޑު ފުޅާކުރީ ކެޕްޓަން ލިއޮނެލް މެސީއެވެ. އާޖެންޓީނާގެ ތިން ވަނަ ލަނޑު ވެސް ޖެހީ މެސީއެވެ. އެއީ ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑެވެ.
މި މޮޅާއެކު އާޖެންޓީނާ އިން ވަނީ އެ ޤައުމުން އެންމެ ފަހުން ކުޅުނު 34 މެޗު ވެސް ބަލިނުވެ ނިންމާލާފައެވެ. ބަލިނުވެ އެންމެ ގިނަ މެޗު ކާމިޔާބުކުރި ރެކޯޑު އޮންނަނީ އިޓަލީ އަތުގައެވެ. އެއީ 37 މެޗެވެ. މި ރެކޯޑު މުގުރާލުމަށް އާޖެންޓީނާ އަށް ދެން ބޭނުންވަނީ ބަލިނުވެ ހަތަރު މެޗު ނިންމާލާށެވެ.
އެކުވެރިކަމުގެ މެޗުގައި އާޖެންޓީނާ އިން މި މަހުގެ 28 ގައި ދެން ނިކުންނާނީ ޖެމެއިކާއާއި ދެކޮޅަށެވެ.