ހޮންގކޮންގ އަށް އެތެރެވާފަރާތްތަކުން ހޯމަ ދުވަހުން ފެށިގެން ހޮޓަލުގައި ކަރަންޓީނު ވާކަށް ނުޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
މިއާއެކު އެގައުމަށް ދަތުރު ކުރުމަށް ބޯޓަށް އަރަމުން ނެގަޓިވް ކޮވިޑްޓެސްޓް ދައްކަން ޖެހޭ ގޮތަށް އޮތް އޮތުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އޭގެ ބަދަލުގައި ދަތުރު ކުރާފަރާތްތަކުން އެގައުމަށް އެތެރެވާފަހުން ސިއްހަތަށް ބަދަލެއް އާދޭތޯ ތިންދުވަސް ވަންދެން ބަލަމުން ގެންދިއުމަށް އެންގޭނެ ކަމަށް ވެއެވެ.
ހޮންގކޮންގ އަށް ދަތުރު ކުރަން ބޭނުވެފަ ތިބި ފަރާތްތަކުން މިޚަބަރާ ގުޅިގެން ޓިކެޓް ގަތުމަށް އަވަސްވެފައި ވާއިރު ބައެއް އެއާލައިންތަކުން ޕްރޮމޯޝަން ތަކާއި ޓިކެޓް ބުކް ކުރުމަށް ކިއު ސިސްޓަމް ތައް ތައާރަފް ކޮށްފައި ވެއެވެ.
ހޮންގ ކޮންގ އިންވެސް ޗައިނާގެ ޒީރޯ ކޮވިޑް ޕޮލިސީ ދަމަހައްޓަމުން އައި އިރު އެގައުމަކީވެސް ކޮވިޑް ފެތުރުން ހުއްޓުވުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެއްގައުމެވެ. އެގައުމަށް އެތެރެވުމަށް ހުރި ހުރަސްތައް ލުއި ކުރެވުނު ނަމަވެސް އަދިވެސް އެރެވާފަރާތްތަކުން ކަންތައް ކުރަން ޖެހޭ ގޮތްތަކެއް ދަނީ އަންގަމުންނެވެ. މިގޮތުން އެގައުމަށް އެތެރެވާތާ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ރެސްޓޯރަންޓް ތަކާ ޝޮޕިންގ މޯލްފަދަ އާންމުން އެއްވާ ތަންތާކަށް ނުވަދެވޭނެއެވެ. އަދި އެތެރެވާތާ ދެވަނަ ދުވަހު އާއި ހަތަރުވަނަ ދުވަހު އަދި ހަވަނަ ދުވަހު ޕީސީ އާރު ޓެސްޓް ހަދަން ޖެހެއެވެ.
އޭޝިއަން ފައިނޭންޝަލް ސެންޓްރެއްގެ ގޮތުގައި ކުރިން ގުނެމުން އައި ހޮންގކޮންގ ގެ ބޯޑަރު ގިނަ ދުވަސްތަކެއްވަންދެން ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ގްލޯބަލް ފައިނޭންޝަލް އިންޑެކްސްގައި އޭޝިޔާގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް މާކެޓް ގެ މަގާމް ކުރިން ހޮންކޮންގ އަށް އޮތްނަމަވެސް ހުކުރު ދުވަހު އެމަގާމް ސިންގަޕޫރުން ވަނީ ހޯދާފައެވެ.
ހޮންގކޮންގ ގެ އިގްތިސާދަށް އެހާބޮޑަށް ގެއްލުން ވެފައިވަނީ ޗައިނާގެ ފިއްތުންތަކުން ސަލާމަތް ވުމަށާއި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ހޮންގކޮންގ ގައި އެޅި ފިޔަވަޅު ތަކާ ގުޅިގެން އެގައުމުގެ ރައްޔިތުންނާއި ބިދޭސީން ހިމެނޭހެން، ވަޒީފާ އަދާކުރާ އެތައްހާސް އާއިލާތަކެއް 2020 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ގައުމު ދޫކޮށްދާން ފަށާފައި ވުމާއި ގުޅިގެންނެވެ. މިގޮތުން 2021 ގެ މެދުތެރެއިން ފެށިގެންވެސް 113،000 މީހުން އެގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބު ތަކުން ދައްކައެވެ.
ހުކުރު ދުވަހު ޖަޕާނުންވެސް ވަނީ އެގައުމަށް އެތެރެވެވޭނެ ފަސޭހަ ގޮތްތަކެއް އިއުލާން ކޮށްފައެވެ. އަދި ދުވާލަކު ޖަޕާނަށް އެތެރެވެވޭ ޓުއަރިސްޓުންގެ އަދަދުވެސް ދާދި އަވަހަށް އިތުރު ކުރާނެ ކަމަށް ދަނީ ބެލެމުންނެވެ.