ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ އާރުތޫރު ބްރަދާސްގެ ކަންތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އޮޅުވާލެއްވި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ނާޒިމް ވިދާޅުވީ އޭރު ރޭސިން އެސޯސިއޭޝަންގެ ފަރާތުން ބޭއްވި މުބާރާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވި އިރު، ދެތިން އިންވެސްޓަރުން އެބަތިބި ކަމަށާއި އެމީހުން އެ ރަސްމިއްޔާތުގައި ބައިވެރި ކުރުމަށް އަދީބު އެދިވަޑައިގަތުމުން، އެމީހުންނަށް މަރުހަބާ ކިޔުއްވި ކަމަށެވެ. އޭރު ވެސް އެއީ ކޮންބައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެ ފަހުން ޗުއްޓީއެއްގައި މެލޭޝިއާގައި ހުންނަވަނިކޮށް، އޭރުގެ ހަވީރު ނޫހުން އާރުތޫރު ބްރާދާސް ކިޔާ ބަޔަކާއި ގުޅުން އޮތްތޯ ސުވާލު ދެންނެވިކަމަށެވެ. އަދި އެފަދަ ބަޔަކާއި ގުޅުން ނޯންނާނެ ކަމަށް ވިދާޅުވި ކަމުގައި ނާޒިމް ވިދާޅުވިއެވެ.
އެކުގައި މަސައްކަތް ކުރާ އެންމެންނަށް ވެސް އިތުބާރު ކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، އެއީ އަދީބު ދެއްވި ލަނޑެއް ކަމަށާއި އެކަހަލަ ކަންތައްތައް ނުކުރެއްވުމަށް އަދީބަށް ނަސޭހަތްތެރިވެވަޑައިގެންނެވި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާން ސަރަހައްދަށް ވަޑައިގަތުމުން، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ބޭނުންވާ ކަމަށް އެތަނުގައި ތިބި ފުލުހުންނާއި ސިފައިން އެދުނު ކަމަށެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމާއި ބައްދަލުކުރައްވާ "ބޭރުގައި ތިބި މީހުން އެދެނީ ރައީސް އިސްތިއުފާ ދެއްވުމަށް" ކަމަށް ވިދާޅުވެފައިވާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ދުވަހު އޭނާ ރައީސް ނަޝީދުއާ ބައްދަލު ނުކުރައްވާ ކަމަށެވެ. އަދި، ބޭރަށް ނުކުމެވަޑައިގެން އެ މެސެޖު ރައްދުކޮށްދެއްވުމަށް ލައުޑުސްޕީކަރުން ގޮއްވެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ މަންޒަރު އެހެން ގޮތަކަށް އަނބުރާލައިގެން މީޑިއާތަކުން ގެނެސްދީފައިވާކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވީ މީހުންނަށް ހީވީ އޭނާ ރައީސް ނަޝީދަށް އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރެއްވީ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ސިފައިންގެ ތެރެއަށް ވެންނެވުމުގެ މާކުރިން ވެސް ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ސިޔާސީ ގޮތުން ނަޝީދު ބަދަލުކުރެއްވީ ކަމަށެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހަކީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން އޭރުގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ވަނީ ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންފައެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ވަހީދު އާއި އޭރުގެ އިދިކޮޅު ފަރާތްތައް އަދި އަސްކަރިއްޔާގެ އިސް ފަރާތްތަކާ ގުޅިގެން ހިންގެވި ބަޣާވާތަކާއި ގުޅިގެންނެވެ.