ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 13:25
ގްލޯބަލް ފަންޑަކީ އެއިޑްސް، ޓީބީ އަދި މެލޭރިއާ ފަދަ ފުރާނައަށް ގެއްލުންދެނިވި ނުރައްކާތެރި ބަލިތައް ނައްތާލުމަށް 2002 ވަނަ އަހަރު ޤާއިމު ކުރި ފަންޑެއް
ގްލޯބަލް ފަންޑަށް އެހީތެރިވުން
ބޮޑެތި ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔޭގެ ލީޑަރުންގެ ބޮޑު އެހީއެއް
ގްލޯބަލް ފަންޑުން ކުރަމުންދާ މަސައްކަތްތަކުގެ އެހީގައި، މިހާތަނަށް 50 މިލިއަނެއްހާ މީހުންގެ ފުރާނަ ވަނީ ސަލާމަތް ކުރެވިފައި
އެމެރިކާއިން ވަނީ ގްލޯބަލް ފަންޑަށް ފައިސާ ޖަމާ ކުރުމަށް ދެން އޮތް ބުރުގައި 6 ބިލިއަން ޑޮލަރު ޖަމާ ކޮށްދޭނެ ކަމަށް ބުނެފައި
ފަންޑުގެ ކަންކަން އަލުން ހިންގައި ގަތުމަށް ދުނިޔޭގެ ލީޑަރުން ވަނީ 14.25 ބިލިއަން ޑޮލަރުގެ އެހީ ދެއްވާނެ ކަމަށް ބުނެފައި

ދުނިޔޭގެ ތާރީޚު ދުށް ބޮޑެތި ބަލިތަކަކަށް އެހީވުމަށް ހާއްސަކޮށްގެން ޤާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފަންޑަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ވަޢުދުވެވަޑައިގެންފިއެވެ.

މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، އެއިޑްސް، ޓީބީ އަދި މެލޭރިއާ ފަދަ ފުރާނައަށް ގެއްލުންދެނިވި ނުރައްކާތެރި ބަލިތައް ނައްތާލުމަށް ޤާއިމުކޮށްފައިވާ ގްލޯބަލް ފަންޑުގެ މަސައްކަތްތައް ހިސާބަކަށް މަޑުޖެހިފައި ވާ ދުވަސްތަކަށް ވާ އިރު، އެ ފަންޑުގެ ކަންކަން އަލުން ހިންގައި ގަތުމަށް ދުނިޔޭގެ ލީޑަރުން ވަނީ 14.25 ބިލިއަން ޑޮލަރުގެ އެހީ ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ދުނިޔޭގެ ލީޑަރުން އެކަމަށް ވަޢުދުވެވަޑައިގެންފައި ވަނީ މިހާރު އެމެރިކާގައި ކުރިއަށްދާ އދގެ އާންމު ޖަލްސާގެ ހަވާސާގައެވެ.

ހަވާސާ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، މި ފަންޑަކީ، ބަލިތަކާ ދެކޮޅަށް ތެދުވުމަށް މުހިންމު އެއްޗެއް ކަން ފާހަގަ ކުރައްވާފައެވެ.

މިއަދު މި ފެންނަނީ ވަޢުދުތަކުގެ ތާރީޚީ ރެކޯޑެއް. ހީވާ ގޮތުގަ، ކުށަކަށް ނުވާނަމަ، ފަރަންސޭސިވިލާތުން 1.6 ބިލިއަން ޔޫރޯ، ޖަރުމަނުން 1.3 ބިލިއަން، ޖަޕާނުން 1 ބިލިއަން ޑޮލަރު، ކެނެޑާއިން 1.2 މިލިއަން ޑޮލަރު، ޔޫރަޕިއަން ކޮމިޝަނުން 750 ޔޫރޯ. ޤަތަރާއި ދެކުނު ކޮރެއާގެ އިތުރުން މަލާވީއާއި ނައިޖަރ ފަދަ ޤައުމުތަކުންވެސް އެބަ ހުރި އެހީ ފޯރުކޮށްދީފަ. މިއަދު ތި އެންމެނަށް މި ވަޢުދުވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖަމާ ކުރާ ކޮންމެ 2 ބިލިއަން ޑޮލަރަކަށް، އެމެރިކާއިން 1 ބިލިއަން ޑޮލަރު ޖަމާ ކުރާނެ. އަދާ ހަމައަށް މި ހުރީ 14 ބިލިއަން ޑޮލަރު.
ޖޯ ބައިޑަން؛ އެމެރިކާގެ ރައީސް

އެމެރިކާއިން ވަނީ ގްލޯބަލް ފަންޑަށް ފައިސާ ޖަމާކުރުމަށް ދެން އޮތް ބުރުގައި 6 ބިލިއަން ޑޮލަރު ޖަމާކޮށްދޭނެ ކަމަށް ބުނެފައެވެ.

ޕަބްލިކް/ޕްރައިވެޓް އިއްތިހާދެއްގެ ގޮތުގައި ޖެނީވާގައި ޤާއިމުކޮށްފައިވާ ފަންޑުން އަމާޒު ހިފާފައި ވަނީ 3 އަހަރަށް ދެމިގެންދާ ފައިސާ ޖަމާ ކުރުމުގެ ކުރުމުގެ ބުރުގައި 18 ބިލިއަން ޑޮލަރު ޖަމާ ކުރުމަށެވެ. އެ ފައިސާއަކީ ޤައުމުތަކުގެ ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތަކާއި ޕްރައިވެޓް ސެކްޓަރުން ޖަމާ ކުރާނެ ކަމަށް ލަފާ ކުރާ ފައިސާއެވެ. ބުދަ ދުވަހުގެ ބައްދަލުވުމުގެ ކުރިން، އެ ޢަދަދުގެ 3 ބައިކުޅަ 1 ބައި ވަނީ ކަށަވަރު ކޮށްފައެވެ.

ކެނެޑާއިން 898.8 މިލިއަން ޑޮލަރު ޖަމާކޮށްދޭނެ ކަމަށް ބުނެފައި ވާ އިރު، ފަރަންސޭސިވިލާތުން 300 މިލިއަން ޔޫރޯ ދިނުމަށް ވަޢުދުވެފައެވެ.

އެއިޑްސް، ޓީބީ އަދި މެލޭރިއާ ފަދަ ފުރާނައަށް ގެއްލުންދެނިވި ނުރައްކާތެރި ބަލިތައް ނައްތާލުމަށް 2002 ވަނަ އަހަރު ޤާއިމު ކުރި ގްލޯބަލް ފަންޑުން ކުރަމުންދާ މަސައްކަތްތަކުގެ އެހީގައި، މިހާތަނަށް 50 މިލިއަނެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

- ކޮމެންޓް