ސިންގަޕޫރު ބޮޑުވަޒީރު ލީ ހްސިއެން ލޫން އާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ބޮޑު ވަޒީރު ލޫން ސިންގަޕޫރުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
ސިންގަޕޫރުގެ ދައުލަތުގެ ނަޒާހަތްތެރިކަމާއި ދޭތެރޭ ސުވާލު އުފެދިފައިވާއިރު ބޮޑުވަޒީރު ލީ ހްސިއެން ލޫންގެ އަންހެން ކޮއްކޯފުޅާއި އަދި ފިރިހެން ކޮއްކޯފުޅު ވަނީ ބޮޑު ވަޒީރު ލޫންގެ ސިޔާސީ ނުފޫޒާއި އަދި "ދައުލަތުގެ މުއައްސަސާތައް" އެ ބޭފުޅުންނާ ދެކޮޅަށް ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ބޮޑު ވަޒީރު ލޫން ވިދާޅުވީ "ދިމާވެގެން މިއުޅޭ ހަަމަނުޖެހުމުގެ ސަބަބުން ސިންގަޕޫރުގެ ކަރާމާތާއި އަދި ސަރުކާރާއި ދެެެތެރޭ ރައްޔިތުން އޮންނަ އިތުބާރަށް އަސަރު ކުރީތީ ވަރަށް ހިތާމަ ކުރައްވާ ކަަމަށެވެ." މިއަންނަ މަހު ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު ލޫން އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތު ތަަކަށް ޖަވާބުދާރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ބޮޑު ވަޒީރު ލޫންގެ ކޮއްކޯފުޅާއި އަދި ދައްތާފުޅު ވިދާޅުވަމުން ގެންދަވަނީ އެބޭފުޅުންގެ ބޭބޭފުޅު ކަމަށްވާ ބޮޑު ވަޒީރު ލޫން، އަވާހަރަވެފައިވާ ބައްޕާފުޅު ލީ ކުއާން ޔޫ ގެ ވަސިއްޔަތާ އެއްގޮތަށް އެންމެންގެ އާއިލީ ގެކޮޅާ ދޭތެރޭ ކަންކަން ކުރަމުން ނުދާ ކަމަށެވެ. ސިންގަޕޫރުގެ ބާނީ އަދި އެގައުމުގެ ފުރަތަމަ ބޮޑުވަޒީރު ލީ ކުއާން ޔޫ އެދިވަޑައިގެންފައި ވަނީ އެމަިނިކުފާނު އަވަހާރަވުމުން، އެމަނިކުފާނުގެ ގެކޮޅު ހަލާކުކޮށް ނައްތާލެއްވުމަށެވެ. އެއީ ގައުމީ ބިނާއެއްގެ ގޮތުގައި ގެ ނުބެހެއްޓެވުމަށެވެ. ސިންގަޕޫރުގެ މެދުތެރޭ ސަރަހައްދެއްގައި ހުންނަ އަވާހަރަވެފައިވާ ލީ ކުއާން ޔޫގެ ގެކޮޅު، މިހާރުގެ ބޮޑު ވަޒީރު ލޫން ބޭނުންފުޅުވަނީ ރައްކާތެރިކޮށް ހިމާޔަތް ކުރެއްވުމަަށެވެ. އެހެން ނަމަވެސް ބޮޑު ވަޒީރު ލޫންގެ ކޮއްކޯފުޅާއި އަދި ދައްތާފުޅު ބޭނުންފުޅު ވަނީ ބައްޕާފުޅުގެ ވަސިއްޔަތާ އެއްގޮތައް ގެކޮޅު ނައްތާލެއްވުމަށެވެ.
ބޮޑު ވަޒީރު ލޫންގެ ފިރިހެން ކޮއްކޯފުޅު ލީ ހްސިއެން ލޫން ބޮޑު ވަޒީރަށް ފާޑުވިދާޅުވަމުން ވިދާޅުވެފައި ވަނީ އެބޭފުޅުންގެ ބައްޕާފުޅުގެ ގެކޮޅުގެ ކުރިމަގާ ދޭތެރޭ ކަންކުރާނެ ގޮތް ނިންމުމަށް އެކުލަވާލާފައިވާ މިިނިސްޓީރިއަލް ކޮމިޓީ އަކީ "އެކުލަވާލުމުގައި މައްސަލަތަކެއް ހުރި ތަނެއް ކަމަށެވެ."
މާޗް 2015 ގައި އޭރުގެ ބޮޑު ވަޒީރު ލީ ކުއާން ޔޫ އަވަހާރަވި ހިސާބުން ފެށިގެން އާއިލާ ބޭފުޅުންގެ މެދުގައި ވަނީ ބައްޕާފުޅުގެ ގެކޮޅާއި ދޭތެރޭ ކަންކުރާނެ ގޮތާއި ދޭތެރޭ ހިޔާލު ތާފާތުވުންތައް އުފެދެން ފަށާފައެވެ.