ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 11:48
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ
ރާއްޖެއެމްވީ
މަރިޔަމް ނަޒާހާގެ މައްސަލަ
ކުރީގެ ފިރިމީހާ ނަޒާހާ ބަލިވެއިންދައި އަނިޔާކުރި، ވަޒީފާއަދާކުރާ ތަނަށް ގޮސްވެސް އަނިޔާކުރި: ވަކީލު
ނަޒާހާގެ ވަކީލުން ވިދާޅުވާ ގޮތުގައި ދައުލަތުން މިހާރު މަސައްކަތް ކުރަމުންދަނީ މި ދައުވާގެ ސިފަ ބަދަލުކުރުމަށް
ނަޒާހާއަކީ ސުކޫލުގައި އުޅުނުއިރުން ފެށިގެންވެސް އަމިއްލަ ނަފްސަށް ގެއްލުންދޭ ފަރާތެއްކަމަށް ދައުލަތުން ބުނޭ
ދައުލަތުން ބުނާ ގޮތުގައި ދުރާލާ އޭނާގެ ކުރީގެ ފިރިމީހާ މަރާލުމުގެ ޤަސްދު އޭނާގެ އޮތް

ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ, ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މީގެ ކުރިން 4 އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އެ އަޑުއެހުންތަކުގައި ދެފަރާތަށްވެސް ވަނީ މި މައްސަލައާ ގުޅިގެން ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ނިންމާލުމުގެ ގޮތުން ދެފަރާތަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފައެވެ.

ސުޕްރީމް ކޯޓަށް ނަޒާހާގެ ފަރާތުން 5 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވެއެވެ.

  1. ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުވާކަމަށް ނިންމީ، ނަޒާހާގެ ފަރާތުން ހުށައަޅާފައިވާ ދިފާއުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކޮށްކަން
  2. ހައިކޯޓުގެ ޝަރީއަތް ނިންމެވި ގޮތުގެ ރިޕޯޓުގައި މަރިޔަމް ނަޒާހާގެ މައްޗަށް ކަނޑައަޅުއްވާފައިވާ އުމުރަށް ޖަލަށް ލުމުގެ އަދަބަށް ލުއި ދެވިދާނެކަމަށް ބަޔާން ކުރައްވާ، މަރުގެ ދައުވާ އުފުލުނު މި މައްސަލައިގައި އެ އުސޫލުން ހައިކޯޓުން އަމަލުކޮށްފައި ނުވާކަން
  3. މައްސަލައިގެ ތަހުގީގުގައި ނަގާފައިވާ ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު، އެ ހެކިން ޝަރީއަތަށް ހާޒިރުނުކޮށް ނަޒާހާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް އެކަނި ބުރަވެ، އެއީ އޭނާ ވެފައިވާ އިއުތިރާފެއްކަމަށް ބަލައިގެން އެއީ ސައްޙަ އަދި ހަޤީޤަތްތަކުގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަންވެސް ކަށަވަރު ނުކޮށް ޝަރީއަތުން މައްސަލަ ސާބިތުވާކަމަށް ނިންމަވާފައިވާކަން
  4. ނަޒާހާއަކީ ހަސަން ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތެއްކަމާއި، ދިގު މުއްދަތެއްގައި އެފަދަ އަނިޔާތަކުގެ ތެރޭގައި އެ އަނިޔާއިން ސަލާމަތް ނުވެވި އުޅެން މަޖުބޫރުވެފައި ހުރި ފަރާތެއްގެ ނަފްސާނީ ޙާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރައްވައި މައްސަލަ ނިންމަވާފައިވުން
  5. ޙާދިސާ ހިނގާފައިވަނީ 2010 ވަނަ އަހަރުކަމަށްވެފައި، މި މައްސަލަ ހައިކޯޓުން 2015 ވަނަ އަހަރު ނިންމެވިއިރު، ޙާދިސާ ހިނގިއިރު އަމަލުކުރަމުން ދިޔަ ދިވެހިިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އުވާލެވި، 2014 ވަނަ އަހަރު އައު ޤާނޫނުލްއުޤޫބާތަކަށް އަމަލު ކުރަން ފެށިފައިވީއިރު، އޭގެ ދަށުން ނަޒާހާއަށް ލިބެންޖެހޭ ލުއި ލިބިދީފައިނުވާކަން

ނަޒާހާގެ ވަކީލުން ވިދާޅުވާ ގޮތުގައި ދައުލަތުން މިހާރު މަސައްކަތް ކުރަމުންދަނީ މި ދައުވާގެ ސިފަ ބަދަލުކޮށް، ދުރާލާ ރާވައިގެން ފިރިމީހާ މަރާލުމަށް ނަޒާހާ މަސައްކަތް ކޮށްފައިވާކަން ދެއްކުމަށެވެ.

ނަޒާހާގެ ފަރާތުން ވަނީ އޭނާއަށް ލިބިފައިވާ ބައެއް އަނިޔާތަކުގެ މިސާލުތައް ކިޔާދީފައެވެ. އެގޮތުން އޭނާ ބަލިވެ އިންދައި އަނިޔާކުރި ޙާދިސާއަކާއި، އޭނާ ވަޒީފާއަދާ ކުރާ ތަނަކަށް ގޮސް އަނިޔާކުރި މައްސަލައެއްގެ އިތުރުން، އޭނާއަށް އަނިޔާކުރި މަންޒަރު އެމީހުންގެ ދަރިފުޅަށް ފެނިގެން އެ ކުއްޖާ ފިޓު ޖެހުނު ޙާދިސާއެއް އޭނާގެ ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ.

ނަޒާހާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަކީ ބާތިލު ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. ނޫންނަމަ އެންމެ ކުޑަ މިނުން މި މައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭކަމަށް ނިންމެވުމަށް އޭނާގެ ވަކީލު އެދިލެއްވިއެވެ.

އެހެންނަމަވެސް، އޭނާއަށް ދިން 5 އަހަރުގެ މާފާއެކު، އޭނާ މިހާރުވެސް 17 އަހަރު ޖަލުގައި ހޭދަކޮށްފައިވާކަން ފާހަގަ ކުރައްވައި ނަޒާހާގެ ވަކީލު އިތުރަށް ވިދާޅުވީ، މި މައްސަލަ ދަށު ކޯޓުން އަލުން ބަލަން ނިންމި ނަމަވެސް، އެއީ އެންމެ މަސްލަޙަތު ހުރި ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ނަޒާހާ ބުނީ، އޭނާ އެއްވެސް އިރެއްގައި ކުރީގެ ފިރިމީހާ މަރާލުމުގެ ޤަސްތެއް ނެތް ކަމަށެވެ. އެއީ ބޭއިހުތިޔާރުގައި ކުރެވުނު ކަމެއްކަން ފާހަގަކޮށް އޭނާ ވަނީ އިންސާފުވެރިކަމާއެކު މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.

ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދީފައެވެ. ދައުލަތުން ބުނާ ގޮތުގައި ދުރާލާ އޭނާގެ ކުރީގެ ފިރިމީހާ މަރާލުމުގެ ޤަސްދު އޭނާގެ އޮތްކަން މައްސަލައިގެ ހެކި ޤަރީނާއާއި، ހާދިސާ ހިނގާފައިވާ ގޮތުންވެސް އެނގެއެވެ.

އޭގެ އިތުރުން، ނަޒާހާއަކީ ސުކޫލުގައި އުޅުނުއިރުން ފެށިގެންވެސް އަމިއްލަ ނަފްސަށް ގެއްލުންދީ (ސެލްފް ހާރމް) ކޮށްފައިވާ ފަރާތެއްކަމަށް ދައުލަތުން ބުނެއެވެ. އެހެންނަމަވެސް، ނަޒާހާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެދުމަކީ ދިފާއުގެ ޒިންމާއެއްކަން ޕީޖީ އޮފީހުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ފަނޑިޔާރުން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުމެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ސަބަބަކީ ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށައެޅީ މައްސަލަ ނިންމިތާ 6 އަހަރާއި، 1 މަހާއި 5 ދުވަސް ފަހުން 5 ޖުލައި 2021 ގައި ކަމަށްވާތީއެވެ. އެހެންނަމަވެސް ނަޒާހާގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާއެކު، އިޖުރާއީ ގޮތުން އަޑުއެހުން ބާއްވައި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހުު، ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމަށް ނިންމީއެވެ.

ވުމާއެކު، މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ 31 މާރޗު 2022 ގައެވެ. 

- ކޮމެންޓް