ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 21:01
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއެއް
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއެއް
ގޫގުލް
ޗައިނާއިން އުއިގަރ މުސްލިމުން އަނިޔާކުރުން
ޗައިނާއިން އުއިގަރ މުސްލިމުންނަށް ކުރާ އަނިޔާތައް ތަހުގީގު ކުރުމަށް ގޮވާލާ އދ އަށް ޕްރެޝަރު!
މިކަމަށް ފިޔަވަޅެއް ނާޅައި ބީރު ކަންފަތެއް ދޭ ނަމަ، މިދެވެނީ ކޮން ކަހަލަ މެސެޖެއްތޯވެސް ސްޕެޝަލް ރެޕެޓޯ ވަނީ ސުވާލު އުފައްދަވާފައި
ޗައިނާގެ މި އަމަލުތައް ކުއްވެރިކޮށް އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައި ހަނުހުރެވެން މިހާރު ނެތް ކަމަށް ސްޕެޝަލް ރެޕެޓޯ ވިދާޅުވި
މިމައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ޖަމިއްޔާއާ މެދު މުޅި ދުނިޔެއިން ގެެއްލެމުންދާ އިތުބާރު އިޔާދަކުރުމަށް މުހިންމު ކަމެއްކަމަށް ރެޕެޓޯ ވިދާޅުވި

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ތަފާތު ގައުމުތަކުން ޗައިނާއިން އުއިގަރ ދަރިކޮޅުގެ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ތަހުގީގު ކުރުމަށް އދ. އަށް ގޮވާލާ އެޖަމިއްޔާއަށް ފިއްތުންތައް ކުރިމަތި ކުރަން ފަށައިފިއެވެ.

އދ. ގެ 77 ވަނަ އާންމު މަޖިލީހުގެ ޖަލްސާއަށް މެމްބަރު ގައުމުތަކުގެ ލީޑަރުން އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވަން ފެއްޓެވުމާއިއެކު ޗައިނާގެ މި ލާއިންސާނީ އަމަލުތައް ބެލުމަށް ގޮވާލަމުންދިޔަ ދިއުން އިތުރުވެގެންދިޔައެވެ.

އދ. ގެ ސްޕެޝަލް ރެޕެޓޯ އޮން މައިނޯރިޓީ ރައިޓްސް ވަނީ ޗައިނާގެ މި އަމަލުތައް ކުއްވެރިކުރައްވާ އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައި ހަނު ހުންނެވެން މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ފިޔަވަޅެއް ނާޅައި ބީރު ކަންފަތެއް ދޭ ނަމަ، މިދެވެނީ ކޮން ކަހަލަ މެސެޖެއްތޯވެސް ސްޕެޝަލް ރެޕެޓޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން، ޗައިނާ އަކީ އދ. އުފެއްދުމުގައި މުހިންމު ދައުރެއް އަދާކޮށް، އެޖަމިއްޔާގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރަކަށްވާއިރު، ޖަމިއްޔާގެ އުސޫލުތަކާ އެގައުމުން ފާޅުގައި ހިލާފުވަމުން ދިއުމަކީ ބަލައިގަންނަން ފަސޭހަކަމެއް ނޫންކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިމައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ޖަމިއްޔާއާއި މެދު މުޅި ދުނިޔެއިން ގެެއްލެމުންދާ އިތުބާރު އިޔާދަކުރުމަށް މުހިންމު ކަމެއްކަމަށް ރެޕެޓޯ ވިދާޅުވިއެވެ.

މީގެ ކުރިން އދ. ހައިކޮމިޝަނުން ވަނީ އުއިގަރ މުސްލިމުންގެ މައްސަލައިގައި ބަޔާނެއްނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން ޗައިނާގައި ދިރިއުޅޭ އުއިގަރ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދެމުން އަންނަ ކަން ވަނީ ހާމަވެފައެވެ.

އެހެން ނަމަވެސް ޗައިނާއިން ވަނީ އުއިގަރ މުސްލިމުންގެ މައްސަލައިގައި އދ. ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށް ބުނެފައެވެ. އަދި އުއިގާރ މުސްލުމުންނަށް ހާއްސަ ކޭމްޕުތަކެއް އެގައުމުގައި ހުރި ނަމަވެސް އެއީ ވޮކޭޝަނަލް ތަމުރީން ދިނުމަށް ކުރިއަށްގެންދާ ކޭމްޕުތަކެއް ކަމަށް ޗައިނާއިން ބުނެއެވެ.

- ކޮމެންޓް