ގަތަރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާ އަދި އެގައުމާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެގައުމަށް" ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއްގެ ގޮތުގައި ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޕެރިސް އެއާ ޝޯގައި ވާހަކަދައްކަވަމުން ސީއީއޯ ބަކުރު "ދަ އެސޯސިއޭޓެޑް ޕްރެސް އެޖެންސީ" އަށް ވިދާޅުވީ ގަތަރުގެ ރައްޔިތުން ދިމާވެގެން މިއުޅޭ ކަންކަން "ހަނދާން ނުނެތޭނެ ކަމަށެވެ."
ބަކުރު އިތުރަށް ވިދާޅުވީ އޭނާ އުންމީދު ކުރަނީ ގަލްފުގެ ގައުމުތަކުން ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވީހާވެސް އަވަހަށް އުވާލުމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ގަތަރަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ބަކުރު ވިދާޅުވިއެވެ.
އަލްޖަޒީރާ އަށް މީގެ ކުރިން ބަކުރު ވިދާޅުވެފައި ވަނީ އޭނާ "އެމެރިކާގެ ލިޑާޝިފާ މެދު ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ." ގަލްފުގެ ގައުމުތަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާ އަދި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގާނޫނާ ހިލާފު ފިޔަވަޅުތަކެއް ކަމަށާއި ގަތަރު އެއާވޭސްގެ ކަސްޓަމަރުން، ވިޔަފާރި އަށް ދިމާވި ކުއްލި ލޮޅުންތަކަށް ފަހު އަނެއްކާ ވެސް ގަތަރަށް އެއާވޭސް އަށް އެނބުރި އަލުން އަންނަމުންދާ ކަމަށްވެސް ބަކުރު ވިދާޅުވެފައި ވެއެވެ.
ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.
.