ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 09:45
ހެންވޭރު ލޮނުޒިޔާރަތް ޕާކު
ހެންވޭރު ލޮނުޒިޔާރަތް ޕާކު
ރާއްޖެއެމްވީ
ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރުން
ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރާ އަގު ކުޑަކޮށްފި
މުޅި ލޮނުޒިޔާރާތް ޕާކު 24 ގަޑިއިރަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 50،000 ރުފިޔާއަށް
ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 24 ގަޑިއިރަށް

ގިނަ ހަފުލާތަކެއް ބޭއްވުމަށް ކުއްޔަށްދޫކުރާ ލޮނުޒިޔާރާތް ޕާކު ކުއްޔަށް ދޫކުރާ އަގު ހެޔޮކޮށް އެ ޕާކު ބެލެހެއްޓުމާ ގުޅޭ އުސޫލެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

އެ ކައުންސިލުން އާންމު ކުރި އުސޫލުގައި ވަނީ އެ ތަން ބަލަހައްޓާނެ ގޮތާއި ކުއްޔަށް ދޫކުރާނެ ގޮތް ތަފުސީލުކޮށް ބަޔާންކޮށްފައެވެ.

މީގެ ކުރިން ލޮނުޒިޔާރަތް ޕާކު އާންމުކޮށް ދޫކުރީ އެއްގަޑިއިރާއި އަށް ގަޑިއިރަށް، ކޮންމެ ގަޑިއިރަކަށް ވަކި އަދަދެއް ނަގާ ގޮތަށެވެ. އުސޫލުގައިވާ ގޮތުން ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 24 ގަޑިއިރަށެވެ. އެންމެ މަދުވެގެން 12 ގަޑިއިރަށެވެ. ބާރަ ގަޑިއިރަށް ހިފާނަމަ 10 އިންސައްތަ އަދި 24 ގަޑިއިރަށް ހިފާ ނަމަ 20 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.

ލޮނުޒިޔާރާތް ޕާކުގެ ޖުމުލަ ނުވަ ސަރަހައްދެއް ކުއްޔަށް ދޫކުރާނެ އަގު ވަނީ ސިޓީ ކައުންސިލްގެ އުސޫލުގައި ބަޔާންކޮށްފައެވެ. އެ ނުވަ ތަނަކީ؛

1. ވަރުނުލާ ރާޅު ސަރަހައްދު 12 ގަޑިއިރަށް 3000ރ ށް

2. ހޭޅި 1 ސަރަހައްދު 12 ގަޑިއިރަށް 6000ރ ށް

3. ހޭޅި 2 ސަރަހައްދު 12 ގަޑިއިރަށް 7000ރ ށް

4. އުސް ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ ށް

5. މެދު ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ ށް

6. މާމެލާމެލި ސަރަހައްދު 24 ގަޑިއިރަށް 10،000ރ ށް

7. ފާލަން އައްސޭރި ސަރަހައްދު 12 ގަޑިއިރަށް 5000ރ ށް

8.ކަސްރަތު ފެހި ސަރަހައްދު 12 ގަޑިއިރަށް 15،000ރ ށް

9. ފެނާރު މައިޒާން ސަރަހައްދު 12 ގަޑިއިރަށް 3000ރ ށް

މުޅި ލޮނުޒިޔާރާތް ޕާކު 24 ގަޑިއިރަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 50،000 ރުފިޔާއަށެވެ. އަދި ސިޔާސީ އެއްވެސް ބޭނުމަކަށް ޕާކު ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

ޕާކު ކުއްޔަށް ހިފަން ހުށަހަޅާ ފޯމު ކުއްޔަށް ހިފަން ބޭނުންވާ ތާރީހުގެ ލަސްވެގެން 10 ދުވަސް ނުވަތަ 90 ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. އަދި ކުއްޔަށްވާ ފައިސާ ދައްކަން އަންގާތާ ތިން ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. އެ ފައިސާ ނުދައްކައިފިނަމަ އެ ބުކިން ކެންސަލްކޮށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލަށް ލިބޭނެއެވެ.

- ކޮމެންޓް