ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ ކޮވިޑް-19 ވެކްސިން ދިނުން, އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީއަށް ބަދަލުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ, އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީގައި ކޮވިޑް-19 ވެކްސިން ދިނުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން މެންދުރު 12:00ށް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލްގައި އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ން މެންދުރުފަހު 3:00ށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ.
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:00ން 3:00ށް ދަމަނަވެށީގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިހުރިހާ ތަނެއްގައިވެސް ޖަހާނީ ފައިޒަރ ވެކްސިނެވެ.
18 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ދިނުމަށް 8 ސެޕްޓެމްބަރ ވަނަ ދުވަހުން ފެށިގެން ވަނީ ނިންމާފައެވެ. އެގޮތުން މި ޑޯޒް ޖަހާނީ ކޮވިޑް-19ގެ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށާއި، އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމުކުރާނެކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.