ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 13:13
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުން
4 ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ
އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާ
03 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށައެޅޭނެ

4 ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން އެ ފުރުސަތު ހުޅުވާލީ 19 ސެޕްޓެމްބަރު 2022 ގައެވެ. އެގޮތުން ޖޭއެސްސީން ވަނީ 03 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ޖޭއެސްސީން އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފައިވަނީ ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު، ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓު، ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު އަދި ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. ހަމައެއާއެކު، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަކު ހޯދުމަށްވެސް ޖޭއެސްސީން ވަނީ އިއުލާނުކޮށްފައެވެ.

އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްއަށް 4000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސް ގޮތުގައި 600 ރުފިޔާ ލިބެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބިދޭއިރު، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން މެޑިކަލް އިންޝިއުރެންސްވެސް ލިބެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުމުގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އޭގެ އިތުރުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

- ކޮމެންޓް