ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 05:07
އިންޑިއާގެ މުމްބާއީއަށް 1993 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ
އިންޑިއާގެ މުމްބާއީއަށް 1993 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ
ގޫގުލް
މުމްބާއި ބްލާސްޓްސް 1993
މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި
ދޭނެ އަދަބެއް ކަނޑައެޅުމުގެ އަޑުއެހުންތައް ވަނީ ފަށާފަ
އެކަކުގެ މައްޗަށް މައްސަލަ ސާބިތު ނުވާކަމަށް ނިންމި
މި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ޔައުޤޫބު މެމޮމް ވަނީ 2015 ވަނަ އަހަރު ދަންޖައްސައި މަރާލާފަ

އިންޑިއާގެ މުމްބާއީއަށް 1993 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް، މި މައްސަލަ ބެލުމަށް ނިންމާފައިވަ ޚާއްސަ އެންޓި ޓެރަރިޒަމް ކޯޓުން ނިންމައިފިއެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމާއި ގުޅިގެން، އެމީހުންނަށް ދޭނެ އަދަބެއް ކަނޑައެޅުމުގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ.

ކުށް ސަބިތުވާ ކަމަށް ކަނޑައެޅި 6 މީހުންގެ ތެރޭގައި، ހަމަލާއަށްފަހު ފިލައިގެން ޕޯޗުގަލްގައި އުޅެނިކޮށް ހައްޔަރުކޮށް 2005 ވަނަ އަހަރު އިންޑިއާ ސަރުކާރާއި ހަވާލުކޮށްފައިވާ އަބޫ ސަލީމް ހިމެނެއެވެ.

އަބޫ ސަލީމް އަކީ "އިންޑިއާގެ އެންމެ ބޮޑު ކުށްވެރިޔާ" ގެ ގޮތުގައި ލިސްޓުކޮށްފައިވާ އިންޑިއަން މާފިއާގެ ޑޮން، ދާވޫދް އިބްރާހިމްގެ ގާތް މީހެކެވެ. ބޮމުގެ ހަމަލާގައި އަބޫ ސަލީމް ކުށްވެރިވާ ކަމަށް ނިންމި އިރު އޭނާ މިހާރުވެސް ގެންދަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ބޮމުގެ ހަމަލާ އާއި ގުޅުން ނެތް، 20 އަހަރުވެފައިވާ މަރުގެ މައްސަލައެއްގައެވެ.

"އިންޑިއާގެ އެންމެ ބޮޑު ކުށްވެރިޔާ" ގެ ގޮތުގައި ލިސްޓުކޮށްފައިވާ އިންޑިއަން މާފިއާގެ ޑޮން، ދާވޫދް އިބްރާހިމް

ގާތްގަނޑަކަށް 24 އަހަރަށް ދެމިގެންދިޔަ ޝަރީޢަތަކަށްފަހު، ބޮމުގެ ހަމަލާ އާއި ގުޅިގެން، ޖިނާއީ ކުށްކުރުމަށް ރޭވުމާއި، މީހުން މެރުމުގެ ކުށުން 6 މީހަކު ކުށްވެރިވާ ކަމަށް ހުކުރު ދުވަހު ނިންމާފައިވާއިރު، މި މައްސަލައިގައި ދަޢުވާ ލިބުނު އެކަކުގެ މައްޗަށް ކުށްވެރިވާކަމަށް ސާބިތު ކުރެވޭވަރަށް ހެކި ނެތުމުގެ ސަބަބުން، އޭނާ ވަނީ މިނިވަން ވެފައެވެ.

މުމްބާއީއަށް ދިން މި ހަމަލާ، ދާވޫދު އިބްރާހިމްގެ އޯޑަރަށް ރާވައި، ޚަރަދުކޮށް، ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ޔައުޤޫބު މެމޮމްގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން 2015 ވަނަ އޭނާ ވަނީ ދަންޖައްސައި މަރާލާފައެވެ.

ކާރުތަކެއްގައި ބޮން ގޮއްވައިގެން، 1993 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު، މުމްބާއިގެ 12 ތަނަކަށް ދިން ބޮމުގެ ހަމަލާތަކަކީ އިންޑިއާގައި ދެވުނު މިފަދަ ފުރަތަމަ ހަމަލާއެވެ. މި ހަމަލާގައި 257 މީހުން މަރުވެ، 713 މީހަކަށް ސީރިއަސް އަނިޔާތަށް ވެފައިވެއެވެ.

މައްސަލައިގެ ޝަރީޢަތުގައި ހާމަވެފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ، ބަބްރީ މަސްޖިދް ތަޅާލުމަށްފަހު 1992 ގެ ޑިސެމްބަރާއި، 1993 ގެ ކުރީކޮޅު، މުސްލިމުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ހިންދޫ ޖަމާއަތްތަކުން ހިންގި ޖަރީމާތަކުގައި ހާހަކާއި ގާތްކުރާ އަދަދަކަށް މުސްލިމުން މަރުވުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް