ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 07:23
ޕީއެސްޖީން ކުޅުނު މެޗުގައި މެސީ
ޕީއެސްޖީން ކުޅުނު މެޗުގައި މެސީ
ރޮއިޓަސް
ފްރާންސް ލީގު
މެސީގެ ލަނޑުން ލިއޯން ބަލިކޮށް ޕީއެސްޖީއަށް އެއްވަނައިގައި ލީޑެއް
ލިއޯންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 އިން

ފްރާންސް ލީގުގައި ލިއޯން ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލިއޯންގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. އެއީ މެޗުގެ ފަސް ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ކާމިޔާބުކުރި ލަނޑެކެވެ. އޭރިޔާ ބޭރުން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ނޭމާ ދިން ބޯޅަ މެސީ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

މި ސީޒަންގައި މެސީ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގެ މިހާތަނަށް މެސީ ވަނީ ޕީއެސްޖީއަށް ކުޅެދިން 11 މެޗުގައި ހަ ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ހަތަރު ލަނޑަކީ ފްރާންސް ލީގުގައި އޭނާ ޖެހި ލަނޑެވެ. މީގެ އިތުރުން މެސީ ވަނީ އަށް ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއް ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި މިހާތަނަށް އަދި ޕީއެސްޖީ ބަލިވެފައެއް ނުވެއެވެ. ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. ލީގުގެ ދެ ވަނަ މަގާމުގައި އޮތް މާސޭ އަށް ލިބެނީ އަށް މެޗުން 20 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލޮރިއެންޓަށް 19 ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި އޮތް ލެންސް އަށް ލިބެނީ 18 ޕޮއިންޓެވެ.

ޕީއެސްޖީއަށް ލީގު މެޗެއް ދެން އޮންނާނީ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. އެއީ ނީސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ހަތަރު ދުވަސް ފަހުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެ ޓީމުން ނުކުންނާނީ ރަށުން ބޭރުގައި ބެންފީކާއާ ދެކޮޅަށެވެ.

- ކޮމެންޓް