ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު މިތަންތަނަށް ޒިޔާރަތް ކުރެއްވީ އާދީއްތަ ދުވަހުގެ މެންދުރު ފަހުއެވެ. އެގޮތުން ނައިބުރައީސް ކުރެއްވި މި ޒިޔާރަތްޕުޅުގައި އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ ފެމިލީ ކްލިނިކަށް ވަޑައިގެންފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި "ވޯލްޑްކަޕް 2022" ގެ މެޗްތައް އާންމުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ތަންތަން ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބިނާކުރަމުންދާ މެންޓަލް ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ހުޅުމާލެ ބްރާންޗަށް ދޫކޮށްފައިވާ ބިމުގެ ސަރަހައްދަށާއި، ހުޅުމާލޭގައި ހުންނަ ވެމްކޯގެ ހުޅުމާލެ ސައިޓަށާއި، ހެވީ ވެހިކަލް ޕާކިންގ ސައިޓަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެންމެ ކައިރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބަސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެމިލީ ކްލިނިކް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލަށް، ހިޔާ ގެ 16 ވަނަ ޓަވަރުގެ، ގްރައުންޑް ފްލޯއިން 3456.18 އަކަފޫޓު ހަވާލުކޮށްފައިވަނީ 7 ސެޕްޓެމްބަރު 2022ގައެވެ. މި ކްލިނިކު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ހުޅުމާލެ ހޮސްޕިޓަލާއި އެޗްޑީސީ ގުޅިގެންނެވެ. މި މަސައްކަތް ކުރިއަށްގެންދިއުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ ސިއްހީ ސިޔާސަތުތަކާއި، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ދުޅަހެޔޮ މާހައުލެއް ގާއިމުކުރުމެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުމަށް ތައްޔާރުވަމުންދާ މެންޓަލް ހެލްތު ސެންޓަރު ހުޅުވުމުން މިހާރަށްވުރެ ފުޅާދާއިރާއެއްގައި އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.