އެކި މީހުންނަކީ އެކި ކަހަލަ ހުނަރުތައް ލިބިފައިވާ މީހުންނެވެ. އެ ލިބިފައިވާ ހުނަރަކުން އެމީހަކު ކުރިއަރާ ދާތަން ވެސް ފެނެއެވެ. މިފަދަ ހުނަރު ތަކުގެ ތެރޭގައި ފެހުމާއި ކުރެހުމާއި ކޭކު އެޅުމާއި ވަޑާމުގެ ތަފާތު މަސައްކަތްތައް ހިމެނެއެވެ. މިފަދަ މީހުންގެ ތެރެއިން ވެސް ބައެއް މީހުން އެމީހުންނަށް ލިބިފައިވާ އާދަޔާ ޙިލާފު ހުނަރެއްގެ ސަބަބުން މަޝްހޫރުވާ މީހުންއުޅެއެވެ. މިފަދަ އެއް ޒުވާނަކީ އެމެރިކާގައި ދިރިއުޅެމުންދާ ޖިން ބެޗަރއެވެ. އޭނާ މަޝްހޫރުވެފައިވަނީ މަގު ތަކުގައި ހެދިފައި ހުންނަ ވަޅުގަނޑުތައް ލޮލުގައި އަޅައިގަންނަ ފަދަ މޮޒެއިކްތަކަށް، ނުވަތަ ބަލާލަން ރީތި ތަންތަނަށް ހެދުމުންނެވެ. އަދި އެފަދަ ވަޅުގަޑުތަކުގައި އޭނާ އެކި ކުރެހުންތައް ކުރަހައެވެ.
ޖިން ޤަބޫލުކުރާ ގޮތުގައި އޭނާގެ މަސައްކަތް މަޝްހޫރުވެގެންދިޔައީ މިއީ އެންމެންނާއި ވެސް ގުޅިފައިވާ މައްސަލަ އަކަށްވުމުންނެވެ. ދުނިޔޭގެ ކޮންމެ ދިމާލެއްގައި ދިރިއުޅެމުންދިޔަ މީހެއް ނަމަވެސް އަދި ކިތަންމެ ވަރަކަށް އެމީހަކަށް ފައިސާ ލިބުނު ނަމަވެސް "ވަޅުގަނޑުތައް" މި އޮންނަނީ އެންމެންނާއި ގުޅިފައެވެ. އެމީހަކު ދަތުރު ކުރަމުންދާ މަގުތަކުގައި ވަޅުގަނޑުތައް ހެދިފައި ހުރުމަކީ ކޮންމެ މީހަކަށް ވެސް އުނދަގޫވާނެ އަދި ހިތްހަމަނުޖެހޭނެ ކަމަކެވެ. ޖިން ވެސް ޤަބޫލުކުރާ ގޮތުގައި އެގޮތަށް ވަޅުގަނޑުތައް ހުރުމުން އެންމެންވެސް ނަފްރަތު ކުރާނެއެވެ.
އެއްވެސް އިރަކެއް ސްޓްރީޓް އާޓިސްޓަކަށް ވުމަކަށް ޖިން އަޒުމް ކަނޑައެއް ނާޅައެވެ. އެހެންނަމަވެސް އޭނާގެ މި މަސައްކަތާއި ގުޅިގެން އެންމެން ވަނީ އޭނާ އަކީ ސްޓްރީޓް އާޓިސްޓެއްގެ ގޮތަށް ސިފަކޮށްފައެވެ. އަދި އެއީ ތެދެއްވެސް މެއެވެ. މި މަސައްކަތް ކުރާ މީހަކަށް ޗިކާގޯގެ އިލިނޮއީ ގައި ހުރީ އޭނާ އެކަންޏެވެ. މީހައިތަނަށް 130 މޮޒެއިކްތައް އޭނާ ކުރަހާފައިވާއިރު އޭގެ ކޮންމެ ކުރެހުމެއްގައި ވެސް ވަކި ވާހަކައެއް އެކުލެވިގެންވެއެވެ.
އޭނާގެ ކުރެހުންތަކުގައި ބައެއް ފަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭއިރު އަނެއް ބައި ކުރެހުންތަކުގައި ހޮޓް ސޯސް ޕެކެޓެއް ވެސް ފެންނަ ހުރެދާނެއެވެ. ޖިމްގެ މި މަސައްކަތް ނިމޭއިރު ބަލާލަން އިންތިހާއަށް ރީއްޗެވެ.
ޖިން ބުނީ އޭނާއަށް މި މަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ވަޅުގަނޑެއް ހޯދުމެވެ. މި މަސައްކަތަކީ ވަރަށް ފައިސާ ޚަރަދުވާ އަދި ވަގުތުވެސް ޚަރަދުވާ މަސައްކަތަކަށްވާއިރު މިއީ ދިގު މުއްދަތަކަށް ދެމިގެންދާނެ މަސައްކަތަކަށްވާން އޭނާ ބޭނުންވެއެވެ. ތާރު އަޅާފައިވާ ނުވަތަ ގައު އަތުރައިގެން ހަދާފައިވާ މަގެއްގެ މަތީގައި ބުޅަލެއް ނުވަތަ މަލެއްގެ ކުރެހުން ފެންނާނެ ކަމަށް އެއްވެސް މީހަކު އުންމީދު ނުކުރާއިރު މިފަދަ ކުރެހުމެއް ފެނުމުން އެންމެންގެ މޫނަށް ވެސް ހިނުތުންވުން ގެނުވާނެކަން ޖިމްއަށް ޔަޤީނެވެ.
ޖިމްގެ މި މަސައްކަތަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އޭނާ ވަނީ މަޝްހޫރުވެފައެވެ. އަދި އިޓަލީ އާއި ފިންލޭންޑް ފަދަ ޤައުމުތަކުގައި އޭނާ ވަނީ މޮޒެއިކްގެ ކުރެހުންތައް ކުރަހާފައެވެ. މި ތަފާތު މަސައްކަތާއިގެން ޖިމް ދަނީ ކުރިއަށެވެ.