ރާއްޖޭގެ އިންފްލޭޝަން ރޭޓް ހިފެހެއްޓިފައި ވަނީ ރާއްޖޭގެ ސަރުކާރުން ދީފައިވާ ސަބްސިޑީތަކުގެ ސަބަބުން ކަަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ބުނެފިއެވެ.
މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއާއި މާލީއްޔަތު ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި އައިއެމްއެފް އިން ވަނީ ދުނިޔޭގެ އިޤްތިޞާދަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މި ދަނޑިވަޅަކީ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ދަނޑިވަޅެއްކަން އައިއެމްއެފް އިން ފާހަގަކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެހެން ޤައުމުތަކުގެ އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް ރާއްޖޭގެ އިންފްލޭޝަން %3 އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާކަން އައިއެމްއެފް އިން ފާހަގަކުރިއެވެ.
ސަބަބެއް ކަމަށް އައިއެމްއެފް އިން ބުނެފައި ވަނީ ރާއްޖޭގައި ދިން ސަބްސިޑީ ތަކެވެ. އެހެންނަމަވެސް މިއީ މުސްތަގްބަލަށް ބަލާއިރު އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް އައިއެމްއެފްގެ ވަފުދުން ވަނީ ބުނެފައެވެ. އެ މައްސަލަ އަށް ހައްލު ގެނައުމަށް ސަރުކާރުން ޖީއެސްޓީ އާއި ޓީ.ޖީ.އެސްޓީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށް އައިއެމްއެފްއިން ވަނީ ތާއީދުކޮށްފައެވެ.
އައިއެމްއެފް އިން އިތުރަށް ބުނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނަގަޅުކޮށް އޮތީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން ކަމަށެވެ. އައިއެމްއެފް އިން ބުނީ ރާއްޖެއިން ފަތުރުވެރިކަމުގައި ގެންގުޅެފައިވާ ސިޔާސަތުތައް ހަރުދަނާ ކަމަށެވެ. އެގޮތުން ކޮވިޑް-19އިގެ ބަލިމަޑުކަމުގެ ކުރިއާއި އަޅާ ކިޔާ ނަމަ ރާއްޖޭގެ %95 އިޔާދަކޮށްފައިވާ ކަމަށާއި އެއީ ރަނގަޅު ކުރިއެރުމެއް ކަމަށް އައިއެމްއެފް އިން ބުނެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން ހަނގުރާމަ އަދި ޔޫރަޕުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދު ދަށްވެ، އެ ޤައުމުތަކުން އަންނަ ފަތުރުވެރިން މަދުވުން އެކަށީގެންވާ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.