ސެޕްޓެމްބަރު 14ގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،130،035 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން، މިދިޔަ އަހަރުގެ ރާއްޖެ އައިސްފައިވަނީ ޖުމްލަ 1،321،932 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރުގެ އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1،702،887 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު 1ން 14ށް ރާއްޖެ އައިސްފައިވަނީ 51،400 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އައިސްފައިވަނީ 57,724 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 3,232 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި 7 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. ޓޮޕް މާރކެޓްގެ ގޮތުގައި އިންޑިއާ އޮތްއިރު، އިންޑިއާއިން އަންނަ ފަތުރުވެރިން 14.2 އިންސައްތަ ހިއްސާކުރެއެވެ. 2019 ވަނަ އަހަރު މި މުއްދަތުގައި އިންޑިއާ މާކެޓު އޮތީ ދެވަނައަށް ޓޮޕް މާރކެޓްގެ ގޮތުގައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން އައި ފަތުރުވެރިން 11.7 އިންސައްތަ ހިއްސާކުރާއިރު، 2019 ވަނަ އަހަރު ރަޝިޔާ އޮތީ 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާރކެޓްގެ ގޮތުގައެވެ.
ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތު އައި ފަތުރުވެރިން 11.3 އިންސައްތަ ހިއްސާކުރާއިރު، 2019 ވަނަ އަހަރު އިނގިރޭސިވިލާތުގެ މާރކެޓް އޮތީ 5 ވަނައިގައެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާރކެޓްތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައޫދީ އަރަބިއްޔާ އަދި ސްވިޒަރލޭންޑެވެ.
ކޮވިޑް-19އާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިއަހަރުވެސް ރަޝިއާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކާ ގުޅިގެން، އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމަށް އަސަރުކުރިނަމަވެސް އެ ގައުމުން އަލުން ދަތުރުތައް ފެށުމާއެކު އަދަދުތައް އަންނަނީ ރަނގަޅުވަމުންނެވެ. މި އަހަރު ނިމޭއިރު 2019ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އޮތްވަރަށް މާރކެޓް ރަނގަޅުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން އުންމީދު ކުރެއެވެ. އަދި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.