މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.
އިސްމާއިލް އިފްހާމް މުޙައްމަދުގެ އިތުރުން، މުހައްމަދު ސުއައިދުއާއި، އަހުމަދު ޝައްމޫނުއާއި، އަހުމަދު ހުޝާމްގެ މައްޗަށް މި މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާ ގުޅޭ ދައުވާތައް ވަނީ އުފުލާފައެވެ.
މި މައްސަލައިގައި އިފްހާމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިފްހާމްގެ ވަކީލުން ވިދާޅުވާ ގޮތުގައި، މި މައްސަލައިގައި ހައިކޯޓުން އަމަލުކޮށްފައިވަނީ އޭނާއަށް ޤާނޫނުން ލިއްބައިދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ހުރަސްއެޅޭ ގޮތަށެވެ. އެގޮތުން ހައިކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބެލުމުން އެކަން ސާފުވެގެންދާކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، ޤާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ވަކީލާ މަޝްވަރާކޮށް، ޤާނޫނޫ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ހޯދުމުގެ ފުރުސަތާއި ވަގުތު އޭނާއަށް ލިބިފައިނުވާ ކަމަށެވެ.
އިފްހާމްގެ ފަރާތުން ހުށައަޅާ ދެވަނަ އިސްތިއުނާފީ ނުކުތާއަކީ އޭނާގެ ބޭންކް އެކައުންޓުގެ ސްޓޭޓްމެންޓް ހޯދީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ. އެގޮތުން އޭނާގެ އޭނާގެ އެކައުންޓް ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމެވުމުން، ދައުލަތުން އެ ނިންމެވުން އިސްތިއުނާފުކޮށް، އެ ނުކުތާ ނިމިފައިވަނީ ދައުލަތާއި އެއްކޮޅަށެވެ.
އެ ދެ ނުކުތާއާ ގުޅިގެން ދެފަރާތުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައިވާއިރު، ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ވަނީ ސާފު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގައި ކުރިއަަށްދާ އިސްތިއުނާފުގައި ދެން އޮންނާނީ ޙުކުމް ކުރެއްވުމެވެ،
މި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. އެހެންނަމަވެސް، ދައުވާލިބޭ ފަރާތެއް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސަބަބަކީ މިއީ މި މައްސަލައިގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމަކަށްވެފައި، އެންމެންގެ ހާޒިރުގައި ހެކިބަސް ނެގުމަށެވެ.