ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 13:02
އައިސީއައިއޭ ކޮންފަރެންސް
އައިސީއައިއޭ ކޮންފަރެންސް
އައިޔޫއެމް
އައިސީއައިއޭ ކޮންފަރެންސް
އައިސީއައިއޭ ކޮންފަރެންސް ފަށައިފި
ކޮންފަރެންސް ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށް
3 ބޭފުޅުން ކޯނޯޓް ތަގުރީރު ދެއްވާނެ
ކޮންފަރެންސްގައި ޖުމްލަ 48 ރިސަރޗް ޕޭޕަރު ހުށަހަޅާނެ

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިލްމީ ކޮންފަރެންސްތަކުގެ ތެރޭގައި ހިމެނޭ މި ކޮންފަރެންސް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ، އެ ކޮންފަރެންސަކީ ވީހާވެސް ފުޅާ ދާއިރާއެއްގައި އިލްމު ހޯދައިދިނުމަށް ފުރުސަތުތައް ފަހިކޮށްދީ، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޮންފަރެންސެއް ކަމަށެވެ. މީގެ އިތުރުން އައިޔޫއެމް ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސަރޗް އެންޑް އިނޮވޭޝަންސް ޑރ. ދީބާ މޫސާ ވަނީ، މި ކޮންފަރެންސްގައި ހިއްސާކުރާ ދިރާސާތަކުގެ އަލީގައި ސިޔާސީ، އިޖްތިމާއީ އަދި އިގުތިސާދީ ރަނގަޅު ބަދަލުތަކެއް އައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓު ތަގުރީރު ދެއްވާ ބޭފުޅުންގެ ތެރޭގައި މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ރައީސް، އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރްއާއި، ޔަމަނުގެ ސަނާގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކްގެ އިތުރުން، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ހިމެނިވަޑައިގަންނަވައެވެ.

އެ ކޮންފަރެންސްގައި ޖުމްލަ 48 ރިސަރޗް ޕޭޕަރު ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ރިސަރޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް، ޤުރްއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯ، ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީ، މެނޭޖްމަންޓް، ވިޔަފާރި، އިގުތިސާދު، އެކައުންޓިންގ، ފައިނޭންސް އަދި ބޭންކިންގ ދާއިރާއާ ގުޅޭގޮތުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ. އެ ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ކެރަން ރޮސްލާ ބައިވެރިވެވަޑައިގެންނެވިއެވެ.

- ކޮމެންޓް