ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 14:47
ގައުމީ ކެރަމް ޓީމުގެ ކޯޗު ނިޔާޒް
ގައުމީ ކެރަމް ޓީމުގެ ކޯޗު ނިޔާޒް
ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް
މުބާރާތުގެ ޓާގެޓަކީ ރަން މެޑަލް، އެ ޓާގެޓަށް ވާސިލްވެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް: ނިޔާޒް
މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހުގެ 3ވަނަ ދުވަހުން 7ވަނަ ދުވަހުގެ ނިޔަލަށް، މެލޭޝިއާގައި

ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގެ ޓާގެޓަކީ ރަން މެޑަލް ހޯދުން ކަމަށް, ކެރަމް ޓީމުގެ ކޯޗު އަލީ ނިޔާޒް ބުނެފިއެވެ.

ނިޔާޒް މިހެން ބުނީ މުބާތާރުގެ ކުރިން ރާއްޖެ އެމްވީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ. ނިޔާޒް ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ކެރަމް ޓީމާއި އަދި ފިރިހެން ޓީމުގެ ފަރިތަކުރުންތައް މިހާރު ކުރިއަށްދާ ކަަމަށާއި، ފަރިތަކުރުންތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ މުބާރާތަށް ފުރަންދެން ކޮންމެ ދުވަހަކުވެސް ހެނދުނު 9.00ން ހަވީރު 6.00ށް ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާނެކަމަށެވެ.

މީގެ އިތުރުން ނިޔާޒް ބުނީ، މުބާރާތަށް މެލޭޝިޔާއަށް ދިޔުމުގެ ކުރިން ޓީމުގެ ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންދިޔުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ބުނީ މިހާތަނަށް ޓީމުގެ ކުޅުންތެރިންގެ ފަރިތަކުރުންތަކާއި ޕަރފޮރމަންސްއަށް ބަލާއިރު، ދެ ޓީމު ވެސް މުބާރާތުގެ ފައިނަލް ކުޅޭނެކަމަށް އުންމީދުކުރެވޭ ކަމަށެވެ. އޭނާ ބުނީ ޓީމުގައި އެ ފެންވަރު ހުރިކަމަށާއި، ރާއްޖެއަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދި ޓީމު ކަމަށާއި، އެހެންކަމުން މަގާމު ދިފާއުކުރުމަށް ވެސް އިސްކަން ދޭނެ ކަމަށެވެ.

އަސްލު ކުޅުންތެރިންގެ މިހާރުގެ ޕަރފޮރމަންސްއަށް ބަލާއިރު، މިވީހާ ތަނަށް ކުރިއަށް ގެންދެވުނު ޕްރެކްޓިސްތަކަށްފަހު ޕަރފޮރމަންސްއަށް ބަލާނަމަ، ކުޅުންތެރިންގެ އެ ޕޮޓެންޝިއަލް އެބަހުރި. ހަމަ ފައިނަލަށް، ވާހަކައަކީ ފައިނަލް ކުޅޭނެޔޭ ދެ ޓީމު ވެސް. ޚާއްސަކޮށް އަންހެން ޓީމު، ވަރަށް އުންމީދު އެބަ އޮތް، ރަން މެޑަލެއް ހާސިލްކުރެވޭނެ ކަމުގެ.
އަލީ ނިޔާޒް / ގައުމީ ކެރަމް ޓީމުގެ ކޯޗު

މީގެ އިތުރުން ގައުމީ ޓީމުގައި ހިމެނޭ އިބްރާހީމް ހުޖާން އަލީ ބުނީ، މުޅި ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ. މުބާރާތަށް ތައްޔާރުވުމަށް ކެރަމް ގައުމީ ޓީމުން ވަނީ ޅ. ހިންނަވަރުގައިވެސް ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. ހުޖާން ބުނީ އެ ކޭމްޕުވެސް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެ ކޭމްޕާ މެދުވެސް ހިތްހަމަޖެހޭ ކަމަށެވެ. މީގެ އިތުރުން ސްރީލަންކާގެ ވޯލްޑް ޗެމްޕިއަންއަކާއެކު، ޓީމުގެ ފަރިތަކުރުންތައް އެއް މަސް ދުވަސް ވަންދެން ކުރިއަށް ގެންދިޔަކަން ހުޖާން ވަނީ ފާހަގަކޮށްފައެވެ. ހުޖާން ބުނީ އޭނާގެ ފަރާތުން އެތައް ކަމެއް ދަސްވެގެންދިޔަ ކަމަށާއި، އޭގެ ފައިދާވެސް ކުރާނެ ކަމަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ކެރަމް ފިރިހެން ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ އާދަމް އަދީލް، މުހައްމަދު މުންތަސިރު، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އިސްމާއީލް އަޒްމީން، ހުޖާން އަދި ޔަމާން އަބްދުލް ޖަލީލްއެވެ. ގައުމީ އަންހެން ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އާމިނަތު ވިދާދު، އާއިޝަތު ފައިނާޒް، އައިޝަތު ނަހުފާ، އާމިނަތު ވިޝާމާ އަދި ފާތިމަތު ރަޔާނާއެވެ.

މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން 7ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
17 ސެޕްޓެންބަރ 2022 | ހޮނިހިރު 22:34
Admin
2 ގައުމާ ފަޅި ބައިވެރިވާ މުބާރާތެއް. 3 ވަނަ ލިބޭނީ. ކިރިޔާވެސް ކެރަމް ކުޅެ އުޅޭނީ ތިން ހަތަރު ގައުމު. މިކަހަލަ ކަންތަކަށް ފައިސާ ހަރަދުކުރަން ވިސްނަންޖެހޭ.