ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 07:36
އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް
އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް
ސީ.އެން.އެން
ރާނީއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުން
އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް، ރާނީއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމަށް ކިޔުގައި 13 ގަޑިއިރު
އެކިފަހަރުމަތިން ރާނީއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވާތީ ބެކަމް ވަނީ އެކަން ފާހަގަކޮށްފައި
ގިނައިރުތަކެއްވަންދެން ކިޔުގައި ހުރުމުގެ ސަބަބުން އޭނާގެ ބުރަކައްޓަށް ތަދުވާކަމަށް ބުނި

އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް، ރާނީ އެލިޒަބަތު ދެވަނައަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް 13 ގަޑިއިރު ކިޔުގައި ހޭދަކޮށްފިއެވެ.

ރާނީގެ ހަށިކޮޅު ބާއްވާފައިވާ ވެސްޓްމިންސްޓަރއަށް ވަނުމަށްޓަކައި އެތައް ލައްކަބަޔަކު ކިޔުތަކުގައި އެތައް ގަޑިއިރެއް އަންނަނީ ހޭދަކުރަމުންނެވެ. ރާނީގެ ޖަނާޒާ ބާއްވާނީ ހޯމަ ދުވަހުއެވެ.

ރާނީއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމަށް ބެކަމް ކިޔުއަށް އަރާފައިވަނީ ހުކުރު ދުވަހުއެވެ. 13 ގަޑިއިރު ކިޔުގައި ބެކަމް ހޭދަކުރި މަންޒަރު ފެނިފައިވާކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފައިވެއެވެ.

ކިޔުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަމުން ބެކަމް ބުނީ ކިޔުގައި 12 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފިކަމަށެވެ. އެންމެންވެސް އެތަނުގައި މިތިބީ ރާނީގެ ޒިކުރާ އާކޮށް ރާނީ ކޮށްދެއްވި ކަންތައް ފާހަގަކުރުމަށްކަމަށެވެ.

ބެކަމް އިތުރަށް ބުނީ، އުޅެބޮޑުވީ ޝާހީ ބޭފުޅުންގެ ގޭތެރޭގައި ކަމަށާއި، ބެކަމްގެ މާމައާއި ކާފަ ދުނިޔޭގެ ތިބިނަމަ ރާނީއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމަށް ކިޔުގައި ތިބޭނެކަމަށެވެ. އަދި މިހާރު ކިޔުގައި ހުރީ މާމައާއި ކާފަގެ ފަރާތުންކަމަށެވެ.

ބެކަމް ވަނީ އެކިފަހަރުމަތިން ރާނީއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވާތީ އެކަން ފާހަގަކޮށްފައެވެ. އިނގިރޭސި ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއްކަމަށާއި، އެކަމާ ފަޚުރުވެރިވާކަމަށް ބެކަމް ބުންޏެވެ. އަބަދުވެސް ގައުމު ތަމްސީލުކުރަން ބޭނުންވާކަމަށާއި ކެޕްޓަނެއްގެ ގޮތުގައި ގައުމު ތަމްސީލުކުރިއިރު ކޮންމެފަހަރަކު ގައުމީ ސަލާމުގައި "ގޯޑް ސޭވް އަވަރ ކުއީން" ކިޔާއިރު އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށް ބެކަމް ބުންޏެވެ.

ބެކަމް ބުނީ ގިނައިރުތަކެއް ވަންދެން ކިޔުގައި ހުރުމުގެ ސަބަބުން އޭނާގެ ބުރަކައްޓަށް ތަދުވާކަމަށެވެ. ނަމަވެސް ކަކޫ ރަނގަޅުކަަމަށެވެ. ބެކަމްއާއެކު އެތައް ބަޔަކު ވަނީ ސެލްފީވެސް ނަގާފައެވެ.

ރާނީއަށް އިހުތިރާމް އަދާކުރުމަށް ކިޔުތައް 14 ކިލޯމީޓަރަށް ދަމާލާފައިވާއިރު ހުކުރު ދުވަހު އެތައް ފަހަރަކު ވަނީ ކިޔު ދިގުވެގެން އިތުރަށް ކިޔުއަށް މީހުން ނާރުވައި، ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް