ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް އައުމަށް މިހާރު ދުނިޔެ މިއޮތް ހާލަތަށްވުރެ ވަކިން ރަނގަޅު ހާލަތަކަށް އައިސްފައިނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ޕެންޑަމިކް އައި ފަހުން ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް ބޭއްވި އެންމެ އުންމީދީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވީ އަދި އެހިސާބަށް ނުދާކަމަށާއި ނަމަވެސް ޕެންޑަމިކް ނިމެން ކައިރިވެއްޖެކަމަށެވެ. މުޅި ދުނިޔެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 6.5 މިލިއަނާ ކައިރިކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު އެންމެ ފުރަތަމަ މިބަލި ފެނިފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެތިން މަސްފަހުން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 އަކީ ޕެންޑަމިކެއް ނުވަތަ އާލަމީ ވަބާއެއްގެ ގޮތުގައި ކަނޑައެޅިއެވެ.
2019 ވަނަ އަހަރު ނިމެމުންދަނިކޮށް ޗައިނާއިން ފެނުނު މިވައިރަސް މިހާތަނަށް 606 މިލިއަން މީހުންނަށް ޖެހިފައިވާއިރު މުޅި ދުނިޔޭގެ ހުރިހާ ހިސާބުތަކެއް ސިއްހީ ނިޒާމަށް މިބަލިމަޑުކަން ވަނީ ލޮޅުން ގެނުވާފައެވެ.
އަވަސްމުއްދަތެއްގެ ތެރޭގައި އުފެއްދި ވެކްސިންތަކާއި ބޭސްތަކާއެކު މީހުން މަރުވާ ރޭޓާއި ހޮސްޕިޓަލްގައި އެޑްމިޓްކުރާ ރޭޓް ދަށްކޮށްދިނުމަށް އެހީތެރިވެދިނެވެ. ނިމިގެންދިޔަ 2021 ވަނަ އަހަރު ނިމެމުންދަނިކޮށް ފެނުނު އޮމިކްރޯން ވޭރިއަންޓާއެކު ބަލީގެ ބާރުގަދަކަން ދަށްކޮށްލިއެވެ.
2020 ވަނަ އަހަރުގެ މަރޗް މަހުން ފެށިގެން މިހާތަނަށް ކޮވިޑް-19 ބަލި ޖެހިގެން ހަފުތާއެއްގެ ތެރޭގައި އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ ފާއިތުވި ހަފުތާއެވެ.
ނަމަވެސް ޓެޑްރޯސް ވަނީ ގައުމުތަކަށް ބަލިފެތުރިދާނެ ފަދަ ކަންކަމުން ދުރުވެތިބުމަށް އިލްތިމާސްކުރައްވާފައެވެ. ޓެޑްރޯސް ވިދާޅުވީ ފާއިތުވި ދެ އަހަރު މުޅި ދުނިޔެ މިބަލިމަޑުކަމުން އަރައިގަތުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ އާ ހަމައަށް ވާސިލުވުމުގެ ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ.
ގައުމުތަކުން ގެންގުޅެމުން އަންނަ ސިޔާސަތުތަކާމެދު މިހާރަށްވުރެ ބޮޑަށް ބަލައި، ކޮވިޑް-19 ފަދަ އެހެން ވައިރަސް އަކުންވެސް ކުރިޔަށް އޮތްތަނުގައި ސަލާމަތްވެތިބުމަށް ސިޔާސަތުތައް ވަރުގަދަކުރަންޖެހޭ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. މީގެއިތުރުން ޓެޑްރޯސް ވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ގައުމުތަކަށް ބާރު އަޅުއްވާފައެވެ. އަދި ވައިރަސް އަށް މެދުނުކެނޑި ޓެސްޓްކުރަމުން ގެންދިޔުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.
މީގެއިތުރުން ޑަބްލިޔުއެޗްއޯއިން ވަނީ ގައުމުތަކަށް އެކަށީގެންވާ ވަރަށް ސިއްހީ މަސައްކަތްތެރިންނާއި ސިއްހީ އާލާތްތައް އަދިވެސް ގެންގުޅެމުންދިޔުމަށް އެދިފައެވެ.
ޑަބްލިޔުއެޗްއޯގެ ސީނިއަރ އެޕިޑެމޮލޮޖިސްޓް މާރިއާ ވެން ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް ވައިރަސްގެ އިތުރު ރާޅުތައް އަންނާނެކަމަށެވެ. އަދި އެކި ވޭރިއަންޓްތައް ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
މިއަހަރު މިހާތަނަށް 1 މިލިއަން މީހުން މިބަލީގައި ވަނީ މަރުވެފައެވެ. އެހެންކަމުން އަދިވެސް ގިނަ ގައުމުތަކުގައި ކޮވިޑް-19 އަކީ އެމަރޖެންސީ ބައްޔެއްގެ ގޮތުގައި އަންނަނީ ދެކެމުންނެވެ.
ޔޫރަޕިއަން ކޮމިޝަންގެ ސްޕޯކްސްޕާސަން ޑރ މައިކަލް ހެޑް ވިދާޅުވީ ހޫނު މޫސުމުގައި ޔޫރަޕް އާއި އެހެނިހެން ގައުމުތަކުން ފެނުނު އޮމިކްރޯންގެ އެކި ވޭރިއަންޓްތަކާއެކު އަދިވެސް ކޮވިޑް-19 ފެތުރުން ނުހުއްޓޭކަން އެނގިގެން ހިނގައްޖެކަމަށެވެ.
ޑރ މައިކަލް ހެޑް ވިދާޅުވި ގޮތުގައި ކޮވިޑް-19 ޕެންޑަމިކްގައި މިހާރު ގިނަ ގައުމުތަކުން ވަނީ އެމަރޖެންސީ ފޭސް ފަހަނައަޅާ ގޮސްފައެވެ. ސަރުކާރުތަކުން މިހާރު ބަލަމުން އަންނަނީ އާންމު ހާލަތުގެ ދަށުން ކޮވިޑް-19 މެނޭޖުކޮށް ވައިރަސްއަށް ބަލައިގެން އުޅެވޭނެ ގޮތްތަކަށް ކަމަށް މައިކަލް ވިދާޅުވިއެވެ.