ކ. މާލެ
|
19 ޖޫން 2017 | ހޯމަ 20:12
ވްޓެރެންސް ކަޕް ސިފައިންގެ ކުލަބާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ވްޓެރެންސް ކަޕް ސިފައިންގެ ކުލަބާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ވެޓެރެންސް ކަޕް
ސިފައިން ބަލިކޮށް ވެލެންސިއާ ފައިނަލާ ގާތަށް
ވެލެންސިއާ އިން މެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން
ތިން ވަނަ ސެމީގައި ވެލެންސިއާ އާއި ދެކޮޅަށް ނިކުންނާނީ ފުރަތަމަ ސެމީއިން ބަލިވި ނިއުރޭޑިއަންޓް

ރަމަޟާން ވެޓެރެންސް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކުރުމަށްފަހު، މުބާރާތުގެ އެންމެ ކާމިޔާބު ކުލަބް ކަމަށްވާ ކްލަބް ވެލެންސިއާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

އެފްއޭއެމްގެ އެއް ނަމްބަރު ޓާފް ދަނޑުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗް ސިފައިންނާއި ވާދަކޮށް ވެލެންސިއާއިން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާހިދެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށްވެސް އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ ވެލެންސިއާގެ އަބްދުﷲ ޝިފާއުއެވެ.

މި މެޗުން މޮޅުވުމުން ދެން ވެލެންސިއާ ޖެހޭނީ ސެމީފައިނަލުގެ 3 ވަނަ މެޗުގައި ކުޅޭށެވެ. ސެމީގެ 3 ވަނަ މެޗުގައި އެޓީމުން ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ދެކޮޅަށެވެ. ފާއިތުވި އަހަރުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ނިއުރޭޑިއަންޓާއި ވެލެންސިއާއެވެ.

މުބާރާތް ރޭވިފައިވާގޮތުން ސެމީފައިނަލުގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެއެވެ. އެ މެޗުން ބަލިވާ ޓީމެއް ޖެހޭނީ ސެމީގެ 3 ވަނަ މެޗުގައި، ސެމީގެ 2 ވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ. އެގޮތުން ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ކަށަވަރު ކޮށްފައި ވާއިރު ފައިނަލުގެ ފަހު ޖާގަ ލިބޭނީ ނިއު އާއި ވެލެންސިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ސެމީފައިނަލުގެ 3 ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހަވީރު 16:15 ގައި އެއް ނަމްބަރު ޓާފް ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް