ޗެލްސީގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމާއެކު ނިކުންނަނީ މުޅިން ތަފާތު ޗެލެންޖަކަށް ކަމަށް ގްރަހަމް ޕޮޓާ ބުނެފިއެވެ.
ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކުރުމަށްފަހު އެ މަގާމަށް ޕޮޓާ ހަމަޖައްސާފައިވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު ނާކާމިޔާބު ވުމުންނެވެ. ޕޮޓާއާއެކު ޗެލްސީގެ ފުރަތަމަ މެޗަކަށް ކުރިން އޮތީ ޕްރިމިއަރ ލީގުގައި ފުލްހަމާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް އެ މެޗު ފަސްކުރުމާއެކު ޕޮޓާގެ ފުރަތަމަ މެޗަށް ވާނީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އެފްސީ ސަލްސްބާގާ ދެކޮޅަށް ކުޅޭ މެޗެވެ.
އެ މެޗުގެ ކުރިން އޮތް ޕްރެސްގައި ޕޮޓާ ބުނީ، ޗެލްސީއަށް ބަލާއިރު އެ ޓީމަކީ ތަފާތު ކޮލެޓީގެ ޓީމެއް ކަމަށެވެ. ޕްރިމިއަރ ލީގުގެ ގަދަ ޓީމުތަކުގެ ތެރޭގައި ހިމެނުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް ޗެލްސީ އަކީ ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން ޕޮޓާ ބުނީ، މިއީ އޭނާ އަށް މުޅިން ތަފާތު ޗެލެންޖެއް ކަމަށެވެ. ޕޯޓާ ބުނީ ބްރައިޓަން ދޫކޮށް ޗެލްސީއަށް ބަދަލުވި ފުރަތަމަ ދުވަހު ވެސް އޭނާ އަށް ފެނުނީ ތަފާތު މަންޒަރެއް ކަމަށެވެ. ޓީމުގެ އިސްވެރިންނާއި، ކުޅުންތެރިންގެ އިތުރުން އޮފިޝަލުންގެ ހިތްހެޔޮކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޕޮޓާ ބުނީ އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ނެތް މީހެއް ކަމަށެވެ. ޕޮޓާ ފާހަގަކުރި ގޮތުގައި ޗެމްޕިއަންސް ލީގުގައި އޭނާއެކޭ ސްޕޯޓަރެކޭ ވާނީ ހަމަހަމައެވެ. ނަމަވެސް އޭނާ ބުނީ މިއީ އޭނާގެ އަމިއްލަ ވާހަކަ ދައްކަން ވީ ވަގުތު ނޫން ކަމަށާއި، ޗެލްސީން ދާން ބޭނުންވާ މިސްރާބަށް އޭނާ އަށް އެ ކުލަބު ގެންދެވޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.
ޕޮޓާ ބުނީ ކުޅުންތެރިންގެ ވެސް އޮތީ އޭނާ ބޭނުންވާ ކަހަލަ އަމާޒެއް ކަމަށެވެ. އެއީ ޗެލްސީއާއެކު ހުރިހާ ކާމިޔާބެއް ހޯދުންކަން ފާހަގަކުރަމުން އޭނާ ބުނީ، ޓީމުގެ ސްކޮޑާމެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީން ސަލްސްބާގާ ދެކޮޅަށް ނިކުންނަ މެޗު އޮންނާނީ ރާއްޖެ ގަޑިން ބުދަ ދުވަހުގެ ރޭ 12 ޖަހާއިރުއެވެ.