ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 13:18
މެމްބަރު ގާސިމް އާއި މެމްބަރު ޖާބިރު
މެމްބަރު ގާސިމް އާއި މެމްބަރު ޖާބިރު
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު
ޖާބިރުގެ ފާޑުކިޔުން ގާސިމްއަށް: "ލަދެއް ނުގަނޭތޯ މަޖިލީހަށް ހާޒިރު ނުވެ މެމްބަރުން މަދުކުރަން ހުށަހަޅަން؟"
19 ވަނަ މަޖިލީހުގައި 87 މެމްބަރުން އެބަ ތިބި
ގާނޫނުއަސާސީގައި ވާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުވާ ގޮތް ހެދުމަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖާބިރު ވިދާޅުވީ ގާސިމް މަޖިލީހަށް ހާޒިރުވެވަޑައި ނުގަނަންނަވާ މެމްބަރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވުމަކީ ލަދުވެތި ކަމެއް ކަަމަށެވެ. އެ އިސްލާހަކީ ޤާނޫނު އަސާސީ އާއި ޚިލާފު އިސްލާހެއް ކަމަށް ސިފަކުރައްވާ ޖާބިރު ވަނީ އެފަދަ އިސްލާހެއް ހުށަހެޅުމުގެ ކުރިން އާއްމުންގެ ޚިޔާލު ހޯދަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން މިއީ ރައްޔިތުންގެ އަޑު ކަނޑުވާލަން ހުށަހެޅި އިސްލާހެއް ކަމަށާއި މެމްބަރުން މަދުވުމަކީ މެމްބަރުންނަށް ފައިސާ ދީގެން މެމްބަރުން ލައްވާ ބޭނުން ގޮތަކަށް ކަންކަން ކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ވިދިވިދެން ދެ ދުވަހު ނައިސްފިއްޔާ ގޮނޑި ދޫކޮށްލަން ޖެހޭނެ. ލަދެއް ނުގަނޭތޯ؟ ބޮޑެތި ބޭފުޅުން މަޖިލީސް ރިޕްރެޒެންޓޭޝަން ނުދީ އަދިވެސް ހަނިކުރަން ހުށަހެޅީމަ މިކަމާ ވަރަށް ހިތްހަމަނުޖެހިއްޖެ. ޑިމޮކްރެސީ އަށް މަސައްކަތް ކޮށް ކޮށް ކޮށް އަޅުގަނޑު ކަޅުވެއްޖެ. ހާދަ ދޮން ކޮށްނޭ އަޅުގަނޑު ހުރީ މިތަނަށް އައި އިރު.
މެމްބަރު ޖާބިރު

ޤާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 ކަމަށެވެ. އަދި އިންތިޚާބީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅާ އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނާފައެވެ. ބައެއް މެމްބަރުން މި އިސްލާހަށް ތާއީދު ކުރި ނަމަވެސް ބައެއް މެމްބަރުން މި އިސްލާހާއި ވަރަށް ބޮޑަށް ދެކޮޅުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބިލަށް ތާއީދުކުރާ މެމްބަރުން ވަނީ  ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ދައުލަތަށް ވެސް އުފުލަން ޖެހޭ މާލީ ބޮޑު ބުރައެއް ކަމަށް ބުނެފައެވެ.އެ އިސްލާހަށް ތާއީދު ނުކުރާ މެމްބަރުން ވަނީ އެއީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން ކަމަށާއި އެ އިސްލާހުގެ ސަބަބުން މަޖިލީހުގައި ރައްޔިތުންގެ ބާރު ހަނި ވެގެންދާ ކަމަށް ވިދާޅުވެފައެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށީ އޮގަސްޓް 7، 2008 ގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެއް ވަނީ ބާއްވާފައެވެ. އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލީހުގައި ތިބީ 77 މެމްބަރުންނެވެ. އަދި 2014 ވަނަ އަހަރު އިންތިޚާބު ކުރި މަޖިލީހުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން އެބަ ތިއްބެވެ.

- ކޮމެންޓް
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 06:49
ކަރޔކެހި
ތިޔައިން އެއްވެސް މީހަކު ހޮވާކައް ވޯޓެއްނުދޭނަން ތިޔަ ތަނަކައް ހޮވީ ރައްޔިތުމީހާއަށް މަންފާއަކައް އެކަމުގެބަދަލުގައި މިފެންނަ ލަދުވެތި މަންޒަރުތަކުން ބޯފަޅައިގެންދާ ވަރުވެފަމިތިބީ ގާސިމު މެން ލަދެއްހަޔާތެއް ނުގަނޭ ރައްޔިތުމީހާ އެތައްގަޑިއިރަކު މަޑުކޮއްގެން ދިންވޯޓުން ކުރި އެއްވެސްފައިދާއެއްނެއް