ބާސެލޯނާއަށް ކުޅެމުން އަންނަ ތުރުކީގެ ފޯވާޑް އަރްޑާ ޓުރާން ހޯދުމަށް އާސެނަލް އިން 30 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ތުރުކީ އަދި ސްޕެއިންގެ ނޫސްތަކުން ބުނާގޮތުން ޓުރާން ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބޮޑަށް ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު އޭނާ ބާސާ ދޫކޮށްލުމަށްފަހު އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެއެވެ.
ޓުރާން ބާސާ ދޫކޮށްލަން އުޅެނީ އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވުމާއެކުގައި ކަމަށްވެއެވެ. އެގޮތުން ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމަށް އެހެން ކްލަބަކަށް ބަދަލުވާން ޓުރާން ބޭނުންވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތުރުކީގެ ގަލަސަތަރާއި އިން ކެރިޔަރު ފެށި ޓުރާން ވަނީ އެ ކްލަބަށް ހަ ސީޒަން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ތުރުކީ ލީގް، ތުރުކީ ކަޕް އަދި ތުރުކީ ސުޕަރކަޕް ކާމިޔާބުކޮށްފައެވެ.
އެއަށްފަހު ދެން އޭނާ ބަދަލުވީ 2011 ވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑަށެވެ. އޭނާ ވަނީ އެ ކްލަބުގައިވެސް ހަތަރު ސީޒަން ހޭދަކޮށް އެޓީމާއެކު ސްޕެނިޝް ލީގު، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.
އެޓްލެޓިކޯ ދޫކޮށްލުމަށްފަހު ޓުރާން ބާސާއަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 50 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. ތުރުކީ ގައުމީ ޓީމާއެކު ޔޫރޯ 2008 ގެ ތިންވަނަ ހޯދި ޓުރާން ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕްވެސް ކާމިޔާބުކޮށްފައެވެ.