ކެންޔާގެ ރައީސްކަމުގެ ހުވާ ވިލިއަމް ރޫޓޯ ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި 55 އަހަރުގެ ރޫޓޯ ވާދަ ކުރައްވާފައިވަނީ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާއާއެވެ. ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އުހުރު ކެންޔައްޓާ ތާޢީދު ކުރައްވާފައިވަނީ އޮޑިންގާއަށެވެ. އިންތިޚާބުގައި ނާކާމިޔާބުވުމުން އޮޑިންގާ ވަނީ، އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސްކެންޔާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ، އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި، އަލުން އިންތިޚާބު ބާއްވަން ނުޖެހޭ ކަމުގައެވެ.
މިއީ ރިޔާސީ އިންތިޚާބުގައި އޮޑިންގާ ވާދަ ކުރެއްވި ފަސްވަނަ ފަހަރެވެ. ހުރިހާ ފަހަރެއްގައި ވެސް އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ. 2007 ވަނަ އަހަރާއި 2017 ވަނަ އަހަރު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުތަކާ ގުޅިގެން އެ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. 2007ގެ ހަމަނުޖެހުންތަކުގައި 1,200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި އޭގެ 10 އަހަރު ފަހުން ހިނގި ހަމަނުޖެހުންތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވިއެވެ.