2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން އެއްވެސް ބަޔަކު މަޝްވަރާނުކުރާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރަށް ދެއްވި އިންޓަރވިއުގައި، މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަދި މިހާރު އޮތް ކޯލިޝަން ސަރުކާރުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަން ހެދުމަށް އަދި އެއްވެސް ބަޔަކު ޖުމްހޫރީ ޕާޓީއާއި މަޝްވަރާކޮށްފައި ނެތް ކަމަށާއި، އަދި ކޮށްފައިވެސް ނުވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ކޯލިޝަންގެ މަޝްވަރާއެއް އެއްވެސް ބޭފުޅަކު ނުކުރައްވަނީ ރިޔާސީ ޓިކެޓް ލިބޭނެކަން ކަށަވަރުވެފައި ނުވާތީ ކަމަށެވެ. އެނގިވަޑައިގަންނަވާ ގޮތުން، މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ކަމަށް ގާސިމް ވިދާޅުވިއެވެ.
ޕަބްލިކަށް އެނގޭގޮތުން އަދި އަބްދުﷲ ޔާމީން އެކަނި. ދެން ތިބި ބޭފުޅުން އެބަވިދާޅުވޭ އަޅުގަނޑުމެން ކުރިމަތިލާނަމޭ. މިއަދާ ހަމައަށް އައި ހަގީގަތަކީ ކޯލިޝަންނެތި އެއްވެސް ބަޔަކު ނުކުމެގެން ކާމިޔާބުވެފައި ނެތް. އެއީ 2008، 2013 އަދި 2018 ގައިވެސް. މިހާރު މި އުސޫލަށް ބަދަލުވިފަހުން، ގާނޫނު އަސާސި އިސްލާހުވެގެން 2008 ގައި ތަސްދީގުކުރެވުނު ގާނޫނު އަސާސީގައި އޮތްގޮތުން ވެއްޖެއްޔާ. މިހާރު އައި ހުރިހާ އިންތިހާބެއްވެސް ދިޔައީ ކޯލިޝަނެއް ނެތި. ކޮންމެ ބަޔަކު ވެސް ވާދަކުރި. އެންމެފަހުން ފުރަތަމަ ބުރުގައި ފާސްނުވެގެން ދެވަނަ ބުރަކަށް ދާއިރު މިޖެހެނީ ބަޔަކާއި ގުޅިގެން ކާމިޔާބު މިވަނީ. މިއީ ހަގީގަތް ފެންނަން އޮތް. އަޅުގަނޑަށް ވިސްނޭގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް ދިމާ ނުވުމަށްވުރެ ގާތީ ވުންޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ގާސިމް ވިދާޅުވީ ވެރިކަން ކާމިޔާބުކުރެވޭނީ ކޯލިޝަނެއް އޮވެގެން ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމަށްފަހު ކޯލިޝަނެއް އޮތުމެކޭ ނެތުމެކޭ އެއްގޮތް ކަމަށެވެ. ޖުމްހޫރީ ޕާޓީ ހިމެނިވަޑައިގަންނަވާ ކޯލިޝަނަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ އެމްޑީޕީއަކުން އަދި ސަރުކާރުން ވެސް ރަސްމީކޮށް ކޯލިޝަން މިހާރު ނެތްކަމަށް ވިދާޅުނުވާ ކަމަށެވެ. ނަމަވެސް، ހަގީގަތަކީ އެއްބަސްވެފައި އޮތް އެއްބަސްވުމާއި ގާތަށް، 90 އިންސައްތަ ވެސް ފުރިހަމަ ނުވާ ކަމަށެވެ.
10 އިންސައްތަ ހަމައެކަނި ފުރިހަމަވެފައި މިއޮތީ. އެއީ ސަރުކާރެއް އައީމަ އޮންނަ ގޮތް. ވަކި ސަރުކާރަކުން ވެސް ނޫން. ހުރިހާ ސަރުކާރަކުން ވެސް. ކުރީ ދިޔަ 2 ސަރުކާރަށް ވުރެ ރަނގަޅު. އެހެން ނުބުނެ އެބަ ދަމަހައްޓާ. އެހެންވީމަ އިބްރާހިމް މުހައްމަދު ސާލިހަށް އެ ކްރެޑިޓް އަޅުގަނޑުމެން ދޭން އެބަޖެހޭ ކޮންމެވެސް މިންވަރެއްގެ. ދެން އެބޭފުޅާ ސޮއިކުރެއްވި އެއްބަސްވުމާ އެއްގޮތަށް ކައިރިއަށްވެސް ނުދޭ. 90 އިންސައްތަ މިދަނީ އެއްގޮތަކަށްވެސް ނުވެ.ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކަރުން ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކާއެކުއެވެ. އެމްޑީޕީ އިސްވެ އޮވެ އުފެއްދި ކޯލިޝަންގައި ހިމެނެނީ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓެވެ.