Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 17:54
ރައީސް ވިއަވަތި ކޮންފަރެންސްގައި
ރައީސް ވިއަވަތި ކޮންފަރެންސްގައި
ރައީސް އޮފީސް
ވިއަވަތި ކޮންފަރެންސް
މާލޭގައި ހިންގާ މަޝްރޫއުތަކަކީ ރާއްޖެ ޖަޒީރާވަންތަ ގޮތުގައި ތަރައްގީ ކުރުމަށް އޮތް ހުރަހެއް ނޫން: ރައީސް
ކުރީ ސަރުކާރުތަކުން ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ރަށްރަށުން މާލެއަށް ހިޖުރަ ކުރަން މަޖުބޫރުވި
އަދިވެސް މާލެއަށް ހިޖުރަކުރުން ނުހުއްޓުވޭ ކަމަށް ވިދާޅުވި
މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މުސްތަގުބަލުގައި ފެންނާނެ ކަމަށް ވިދާޅުވި

މާލޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ މުޅި ރާއްޖެ ޖަޒިރާވަންތަ ގޮތުގައި ތަރައްގި ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގައި ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސް ނިންމަވައިލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ރަށްރަށުން މާލެއަށް ހިޖުރަ ކުރަން މަޖުބޫރުވި ކަމަށެވެ. އެގޮތުން، އަމިއްލަ ފުދުންތެރިކަން ހުރި ރަށްތައް ވެސް ހުރި ކަމަށާއި ނަމަވެސް އެކި ބޭނުންތަކުގައި ސަރުކާރުތަކުން ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އެ ރަށްތަކަށް ބޭނުންވާ ތަރައްގީ ނުގެނެވި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ އަދިވެސް މާލެއަށް ހިޖުރަކުރުން ނުހުއްޓުވޭ ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދުރު ރާސްތާގައި އޭގެ އަސަރު ފެނިގެންދާނެ ކަމަށެވެ. ހިޖުރަ ކުރުން ހުއްޓުވުމަށް ރަށުގައި ތިބެގެން އެ ބޭނުންވާ ޚިދުމަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ހުއްޓުވުމަށް ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ޔަގީންކަން ލިބެން ޖެހޭ މި ޚިދުމަތްތައް ރަށުގައި ތިބެގެން ލިބޭނެ ކަމުގެ. ދަރިންނަށް ތައުލީމު ދިނުމާއި ސިއްޙީ ހިދުމަތް އަދި ވަޒީފާ، އެކަންތައްތައް ކޮށްދިނީމަ އެ ވިސްނުން ބަދަލުވާނެ. މާލެއަށް މީހުން ދިޔައީވެސް އެހެންވެ. މާލޭގައި އެ ޚިދުމަތްތައް ހުރީމަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ވިދާޅުވީ ރަށްތައް ތަރައްގީރަމުންދިޔަ ނަމަަވެސް މާލޭގައި މިހާރު ދިރިއުޅެމުން އަންނަ ފަރާތްތަކަށް ވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މާލޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ މުޅި ރާއްޖެ ޖަޒީރާވަންތަ ގޮތުގައި ތަރައްގީ ކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެއަށް ހައްލެއް ހޯދަން އެބަޖެހޭ. މާލޭގައި މިހާރު ދިރިއުޅޭ މީހުންނަށް ރަނގަޅަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ގެދޮރުވެރިކަން މާލޭގައި އެބަ އޮންނަން ޖެހޭ. އަދި މަގުތަކުގައި ތޮއްޖެހިފައި މިއޮތް ޖެހުމަށް ހައްލެއް ހޯދަން ޖެހޭ،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

މާލެ ތޮއްޖެހިފައި އޮތް އޮތުން ހައްލުކޮށް ރަށްތަކުގައި ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަންތައްތަކެކެވެ. އެގޮތުން ރަށްތަކުގެ ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމު ކުރިއަރުވައި ރަށުގައި ތިބެގެން އެ ޚިދުމަތް ލިބޭ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ބައެއް ހޮސްޕިޓަލުތައް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަަސައްކަތް ވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް