އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ތިންދުވަސް ވަންދެން ބައި ދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ރައީސް މިގޮތަށް ނިންމެވީ ކޮމަންވެލްތުގެ ގައުމުތަކާއި އިނގިރޭސިވިލާތާ ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށެވެ.
އިނގިރޭސި ރާނީ އަވަހާރަވި ޚަބަރު އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9.30ހާއިރުއެވެ.
ރާނީ އަވަހާރަވެފައިވަނީ ބަލްމޯރަލް ޝާހީ ގަނޑުވަރުގައި، އާއިލާ ބޭފުޅުންގެ ހާޒިރުގައިކަމަށް، ރާނީ އަވަހާރަވިކަން އިއުލާންކުރުމަށް ބަކިންހަމް ޕެލެސްއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
ރާނީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ކަނބަލެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިނގިރޭސީންގެ ރަސްކަމުގެ ޢިއްޒަތްތެރި ތަޚުތަށް ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތު، އިސްވެވަޑައިގަތުމުގެ އުފާވެރި މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި މީގެ 70 އަހަރުކުރިން 1952ގައި ފާހަގަކުރެވުނެވެ.
ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތުގެ އަރިއަހަށް (ނ.ޣ. ޢ..ވ.) ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ލަގަބު ވަނީ އަރުވާފައެވެ. އެއީ ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި 13 މާރިޗު 1972ގައެވެ.
ދިވެހިރާއްޖެ 2 ޖަނަވަރީ 1989ން 26 ޖުލައި 1965ށް އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެެވެ.