2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ގާނޫނީ ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިން ވަކީލުންނަށް ވުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދައުރަށް ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ބިލުތަކުގެ ތެރޭގައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.
ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުން ސިޓީފުޅެއް ލިބިވަޑައިގަންނަވާފައިވާކަމަށެވެ. މިސިޓީފުޅުގައި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާކަމަކީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާ ބިލުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަޔާންކުރުމަށް ހުށަހެޅޭ އިސްލާހުތައް ހިމެނޭކަމަށެވެ.
ގާނޫނީ ވަކީލުންގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަކުރުން ލާޒިމުކޮށްފައިވާ ތަމްރީނު ޕްރޮގްރާމްގެ މުއްދަތު ގާނޫނުގައި ކަނޑައަޅާފައިވާ އޮތްއޮތުން އިސްލާހުކުރުމަށް ހުށަހަޅާ އިސްލާހަކާއި އެގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކަކީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ފަރާތްތަކެއް ކަމުގައިވާތީ، އެފަދަ ފަރާތްތަކުން ދެ މަރުހަލާއެއްގައި ތަމްރީނު ފުރިހަމަކުރުމަށް ލާޒިމުކޮށްފައި އޮތްއޮތުން އިސްލާހުކުރުމަށާއި ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމާ ގުޅޭ އިސްލާހުކުރުމަށްޓަކައި އެ ގާނޫނަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ އިސްލާހުތަކެއް ހިމެނޭކަމަށް.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދު ވިދާޅުވީ މިބިލް މިހަފުތާތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާކަމަށް އެޓާނީ ޖެނެރަލް ވިދާޅުވެފައިވާކަމަށެވެ.
އެޓާނީ ޖެނެރަލް މިފަދަ އިސްލާހެއް ހުށަހަޅުއްވާކަމަށް ވިދާޅުވެފައިވާއިރު ގާނޫނީ ފަންނުގެ ގާނޫނަށް މިފަދަ އިސްލާހެއް ގެނައުމަށް ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. އެބިލްގެ ބަހުސް މަރުހަލާ މަޖިލީހުގައި ކުރިޔަށްދާއިރު އުޝާމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލުގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ގާނޫނީ ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިން އެގާނޫނުގައި އަމަލުކުރަން ބުނެފައިވާ ކަންކަމުން އިސްތިސްނާކުރުމަށެވެ.
އުޝާމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެގާނޫނުގެ 66 ވަނަ މާއްދާގެ ނ ގައި ގާނޫނީ ފަންނުގެ ގާނޫނަށް އަމަކުކުރަން ފެށިއިރު ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދިޔަ ފަރާތްތަކާއި އެގާނޫނަށް އަމަލުކުރަން ފެށިއިރު ކިޔެވުން ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން އެހާތަނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިނުވާ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބާ އިމްތިހާނު އަދި ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާނެ ކަމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އުޝާމް ހުށަހަޅުއްވާފައިވާ ބިލާއި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ ބިލަކީ އެއް މައުޟޫއެއްގައި އެއް މަގްސަދެއްގައި އެއް ނަތީޖާއެއް ނެރުމަށް ހުށަހެޅޭ ބިލެއް ކަމަށްވާތީ ދެބިލުގެ މަސައްކަތް އެކުގައި ކުރިޔަށްގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.