ބާސެލޯނާގެ ކުރީގެ ދެ ކޯޗުންކަމަށްވާ ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރީކޭ ފުށުން އެތައް ކަމެއް ދަސްވިކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ގާޑިއޯލާ އާއި އެންރީކޭ އަކީ ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދެ ކޯޗުންނެވެ. އެ ދެ ކޯޗުން ބާސެލޯނާއަށް ކޯޗުކަން ކޯށްދިން ދުވަސްތަކުގައި ޒަވީ އަކީ އެ ޓީމުގެ ކުޅުންތެރިޔެކެވެ. ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ޒަވީ ވަނީ ބޮޑެތި ޒިންމާތަކެއް ވެސް ނާގަފައެވެ. ދެ ކޯޗުންނާއެކު ވެސް ބާސެލޯނާއިން ހޯދި ކާމިޔާބީގައި ޒަވީގެ ހިއްސާއެއް އޮންނާނެއެވެ.
ބާސެލޯނާއަށް އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނީ 2015 ވަނަ އަހަރުއެވެ. ޔުވެންޓަސް ބަލިކޮށް ބާސެލޯނާއިން ޗެމްޕިއަންސް ލީގު އުފުލާލިއިރު، އެ ޓީމުގެ ކެޕްޓަން އަކީ ޒަވީއެވެ. އޭރު އެ ޓީމަށް އިރުޝާދު ދެމުން އައި އެންރީކޭއެވެ.
އޭގެ ފަހުން ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގައި އެކި ހިސާބުތަކުގައި ވަނީ ހިތްދަތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޓީމުގެ ނަތީޖާ ދަށްވަމުން ގޮސް، ނިމުނު ސީޒަަންގެ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލި އެ ޓީމު ވަނީ ޔޫރޮޕާ ލީގު ކުޅެން ވެސް ޖެހިފައެވެ. ޓީމު އޮތް ދަތި ހާލަތުގައި ބާސެލޯނާގެ ކޯޗުކަމަށް ޒަވީ ހަމަޖެއްސިއެވެ. ބާސެލޯނާއާ ހަވާލުވެ ޒަވީ ވަނީ ޓީމުގެ ހާލަތުު ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އަހަރު ދުވަހެއްގެ މެދު ކެނޑުމަކަށްފަހު އަނެއްކާ ވެސް ބާސެލޯނާއިން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގެ ކުރިން އޮތް ޕްރެސްގައި ޒަވީ ވަނީ އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި ހުރި އިރު، ގާޑިއޯލާ އާއި އެންރީކޭގެ ފަރާތުން އެތައް ކަމެއް ދަސްވިކަމަށް ބުނެފައެވެ.
ގާޑިއޯލާ އާއި އެންރީކޭގެ ފަރާތުން އަހަރެންނަށް އެތައް އެތައް ކަމެއް ދަސްވި. އަހަރެންގެ ނަޒަރުގައި ދުނިޔޭގައި ތިބި އެންމެ މޮޅު ފަސް ކޯޗުންގެ ތެރޭގައި އެ ދެ ކޯޗުން ހިމެނޭނެ.ޒަވީ ހެނާންޑޭޒް / ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ކޯޗު
މީގެ އިތުރުން އެ ޕްރެސްގައި ޒަވީ ބުނީ އޭނާ ބޭނުންވަނީ ބާސެލޯނާއިން ޕޮޒިޝަން ހިފަހައްޓައިގެން ކުޅެން ކަމަށާއި، އިދިކޮޅުން ޖާގަ ލިބުމުން އޭގެ ފައިދާ ނަގައިގެން ކަމަށެވެ. އޭނާ ވަނީ އެކަމުގެ މިސާލެއްގެ ގޮތުގައި ބާސެލޯނާއިިން 6-2 އިން ރެއާލް މެޑްރިޑް ބަލިކުރި މެޗުގައި ތިއަރީ އޮންރީ އެ ޓީމާ ދެކޮޅަށް ޖެހި ލަނޑު ފާހަގަކޮށްފައެވެ.
ގާޑިއޯލާ އަކީ މިހާރު އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ބާރު މެންޗެސްޓަރ ސިޓީގެ ކޯޗެވެ. އަދި އެންރީކޭ އަކީ ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗެވެ.