ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސަޕޯޓަރުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ނުރުހުން ފާޅުކޮށްފިއެވެ.
މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ސުވާލުކޮށްފައިވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސަޕޯޓަރުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަ ސްޕްރޭ ބޭނުންކުރުމާއި ގުޅިގެންނެވެ. އެ ނޫސްވެރިޔާގެ ސުވާލަކަށްވީ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުންނަށް އޮތީ ކިހާ ރައްކާތެރިކަމެއްތޯއެވެ.
އެސުވާލާ ގުޅިގެން ކްލޮޕް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ނޫސްވެރިޔާ ކޮށްފައިވަނީ ވަރަށް ތާކުން ތާކު ނުޖެހޭ، ލަދުވެރި ސުވާލެއް ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ނޫސްވެރިޔާގެ ބޭނުމަކީ ފަލަ ސުރުހީ ހެދުން ކަމަށާއި، އޭނާ އަށް އެއްވެސް ވަރަކަށް އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ނަޕޯލީގައި އޭނާ އުޅެނީ އާންމު ދިރިއުޅުމެއް ނޫން ކަމަށެވެ. ނަމަވެސް އެ ތަނުގައި އޭނާ އަށް ފުރިހަމަ ރައްކާތެރިކަން އޮންނަ ކަން ފާހަގަކުރަމުން ކްލޮޕް ބުނީ، އެކަން އެގޮތަށް އޮއްވާ ނޫސްވެރިޔާ ނަޕޯލީއާ މެދު ފެންނަ ގޮތެއް ހޯދަން އޭނާއާ ސުވާލު ކުރީ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނީ ދެ ކުލަބެއްގެ ސަޕޯޓަރުން ދިމާ ވެއްޖެ ނަމަ، ކޮންމެ ވެސް ކަމެއް ދިމާވާނެ ކަމަށެވެ. ކްލޮޕް ބުނީ އެއީ އެއްވެސް ސިޓީއަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. ކްލޮޕް ބުނީ އޭނާ ނަޕޯލީގައި ހުރީ ނޫސްވެރިންނަށް ސުރުހީ ހަދައިދޭން ނޫންކަމަށެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނަޕޯލީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ލިވަޕޫލުން ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.