ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 09:06
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ޔުއެފާ ޗެމްޕިއަންސް ލީގު
ޔުވެންޓަސްއާ ދެކޮޅަށް ޕީއެސްޖީން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ: ގަލްޓިއޭ
ގަލްޓިއޭ ބުނީ ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް މަސައްކަތް ކުރަން ވެސް ޖެހޭ ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޔުވެންޓަސްއާ ދެކޮޅަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފިއެވެ.

އައު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފުޓުބޯޅަ މެޗުގައި ޕީއެސްޖީން ވަނީ 2-1 އިން އިޓަލީގެ ޔުވެންޓަސް ބަލިކޮށް، މޮޅަކާއެކު މުބާރާތް ފަށާފައެވެ. މެޗުގައި ޕީއެސްޖީގެ ދެ ލަނޑު ވެސް ޖެހީ ކީލިއަން އެމްބާޕޭއެވެ. މީގެ އިތުރުން ވެސް ޕީއެސްޖީން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ ފުރަތަމަ ހާފުގައި ޕީއެސްޖީއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ފުރަތަމަ ހާފުފައި ޖެހީ ހައްގު ދެ ލަނޑު ކަމަށެވެ. ދެ ވަނަ ހާފަށް ނުކުމެ ޔުވެންޓަސް އިން ލަނޑެއް ޖެހި ނަމަވެސް، ޖުމުލަ ގޮތެއްގައި މުޅި މެޗުގައި ޕީއެސްޖީގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ގަލްޓިއޭ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ މެޗުގައި އެމްބާޕޭ ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، އޭނާ އަކީ ގޯލު ޖަހަން ދަންނަ ގޯލާ ރައްޓެހި ކުޅުންތެރިޔެއް ކަމަށެވެ. މީގެ އިތުރުން ގަލްޓިއޭ ބުނީ ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް މަސައްކަތް ކުރަން ވެސް ޖެހޭ ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަށް ދެން އޮތީ ރަށުން ބޭރުގައި މެކަބީ ހައިފާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ މި މަހުގެ 15ގައެވެ.

- ކޮމެންޓް