ކ. މާލެ
|
19 ޖޫން 2017 | ހޯމަ 07:34
ޗިލީގެ ވާގަސް (ކ) އާއި ވެލެންސިއާ (ވ) އުފާފާޅުކުރަނީ
ޗިލީގެ ވާގަސް (ކ) އާއި ވެލެންސިއާ (ވ) އުފާފާޅުކުރަނީ
ޓްވިޓަރ
ކޮންފެޑެރޭޝަންސް ކަޕް
ކޮންފެޑެރޭޝަންސް ކަޕް: ޗިލީ މޮޅުވިއިރު، މެކްސިކޯ އިން ޕޯޗުގަލް ހިފަހައްޓައިފި
ކެމަރޫންގެ މައްޗަށް ޗިލީ ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
މެކްސިކޯ އަދި ޕޯޗުގަލް އެއްވަރުވީ 2-2 ގެ ނަތިޖާއަކުން

ކޮންފެޑެރޭޝަންސް ކަޕްގައި ޗިލީ މޮޅުވިއިރު، މެކްސިކޯ އިން ޕޯޗުގަލް ހިފަހައްޓައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް ބީގައި ހިމެނޭ ޗިލީ މޮޅުވީ ކެމަރޫންއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ޗިލީންނެވެ. އެގޮތުން އެޓީމުން ވަނީ ކެމަރޫންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

މެޗުގައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޗިލީގެ ވާގަސް އަށެވެ. މެޗުގެ 40 ވަނަ މިނެޓުގައި ވާގަސް އަށް މުޅިން ހުހަށް ލިބުނު ބޯޅަ އޭނާ ފޮނުވާލީ ގޯލު ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗިލީން އެޓީމުން ކުރަމުންދިޔަ އެޓޭކްތައް އިތުރުކޮށްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ދިޔައީ ފުލުފުލުގައި ފުރުސަތު ހޯދަމުންނެވެ. އެގޮތުން އާޓޫރޯ ވިޑާލްއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ޗިލީން މެޗުގެ ލީޑު ނެގީ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލް އެވެ. މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ލީޑު ފުޅާކުރުމަށް ފުރުސަތުތައް ހޯދަމުންނެވެ.

އެގޮތުން މެޗުގެ އިތުރުވަގުތުގައި ޗިލީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްނީ މެޗުގައި ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތު ލިބި ބޭކާރުކޮށްލި ވާގަސް އެވެ.

މި ނަތީޖާއާއެކު ޗިލީ ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. މި ގްރޫޕްގައި ހިމެނޭ އޮސްޓްރޭލިއާ އަދި ޖަރުމަން ބައްދަލުކުރާ މެޗު ކުޅޭނީ ހޯމަ ދުވަހުގެ ރެއެވެ.

މުބާރާތުގައި ޕޯޗުގަލް ކުޅުނު މެޗުން އެޓީމު އެއްވަރުވީ މެކްސިކޯއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އޭގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖަހަން ދެޓީމުންވެސް ދިޔައީ ފުރުސަތު ހޯދަމުންނެވެ.

އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޕޯޗުގަލް ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ މެކްސިކޯގެ ގޯލަށް ފުލުފުލުގައި ނުރައްކާކޮށްފައެވެ. އެގޮތުން 34 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކޮރެސްމާ ވަނީ ޕޯޗުގަލް އަށް ލީޑު ނަގައިދީފައެވެ.

އެހެންނަމަވެސް މި ލަނޑާއެކު މެކްސިކޯ ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، 42 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާވިއާ ހެނާންޑޭޒް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބޮލުންނެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުން އެޓޭކިން ފުޓުބޯޅައެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށްވެސް ހުސް ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

ޕޯޗުގަލް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު އަނބުރާ ހޯދީ 86 ވަނަ މިނެޓުގައި ސެޑްރިކް ރިކާޑޯ އަލްވޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އެހެންނަމަވެސް އިތުރުވަގުތުގައި ހެކްޓާ މޮރޭނޯ ވަނީ މެކްސިކޯ އަށް ނަތިޖާ ހަމަހަމަކޮށްދީފައެވެ.

މި ގްރޫޕްގައި ހިމެނޭ ރަޝިއާ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗު ނިއުޒިލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ އަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް