ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓަ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކަކުލުގެ ސާޖަރީއެއް ހަދަން ޖެހިއްޖެއެވެ.
ދާދި ފަހުން ޔުވެންޓަސް އަށް ބަދަލުވެ އެ ފުޓުބޯޅަ ޓީމާއެކު ކުރިއަށް ގެންދިޔަ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގެ ތެރެއިން ވަނީ ޕޮގްބާގެ ކަކުލަށް އަނިޔާވެފައެވެ. އެއާއެކު ޔުވެންޓަސް އިން އޭރު ބުނީ ޕޮގްބާގެ ކަނާތު ކަކުލުގެ މެނިސްކަސް އިރައިގެން ގޮސްފައިވާ ކަމަށެވެ. އެ އަނިޔާގެ ސަބަބުން ޕޮގްބާ އަށް ވަނީ ޔުވެންޓަސް އިން ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ގެއްލިފައެވެ.
އަނިޔާގެ ސަބަބުން ސާޖަރީއެއްކޮށްފި ނަމަ މިއަހަރުގެ ފަހު ކޮޅު އޮންނަ ވޯލްޑް ކަޕް ގެއްލުމުގެ ބިރުއޮތުމާއެކު ޕޮގްބާ ވަނީ ސާޖަރީކުރުމަށް އޭރު ފަސްޖެހިފައެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކަކުލުގެ މެނިސްކަސް ސާޖަރީއެއް ކުރުމަށް ނިންމައި، ޕޮގްބާ މިހާރު އަންނަނީ ސާޖަރީއަށް ތައްޔާރުވަމުންނެވެ.
ސާޖަރީއާއެކު ޕޮގްބާ އަށް އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއް ވެސް ގެއްލޭނެއެވެ. ޔުވެންޓަސްއަށް ބަދަލުވުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑުގައު ހުރި އިރު ވެސް ޕޮގްބާ އަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.