ހޯމަ ދުވަހު މާލޭގައި ފެށި މިނީ ބަހުގެ ޚިދުމަތް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ރައީސް ވަނީ އާރުޓީއެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިއުމަކީ ވަށައިޖެހޭ އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ފުރިހަމަ ކުރުމުގައި ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނީ ބަހުގެ ޚިދުމަތް ތަސައްލީއަކަށް ވެގެންދާނެ ކަމަށާއި މި ޚިދުމަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެނީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓް, ސޯސަން ރޫޓް އަދި އޯކިޑް ރޫޓް މެދުވެރިކޮށެވެ. އަދި ކޮންމެ ރޫޓެއްގައި ޖުމުލަ 40 ބަސް ހުއްޓި ހުންނާނެއެވެ. ބަސް ދަތުރުތައް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ކުރާނެއެވެ.
އެމްޓީސީސީން ބުނީ, މިނީ ބަހުގެ ޚިދުމަތުގައި ޖުމުލަ 18 ބަސް ބޭނުންކުރާނެ ކަމަށެވެ. އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭ ގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެއް ކަމަށެވެ.
މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ދެ ހަފުތާގައި ދަތުރުތައް ކުރާނީ ހިލެއެވެ. އެއަށްފަހު ޓިކެޓަކަށް 7 ރުފިޔާ ނަގަން ނިންމާފައިވާއިރު 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.