ކ. މާލެ
|
19 ޖޫން 2017 | ހޯމަ 01:19
ސްރީލަންކާގެ ކޮޅުނބުގެ މިސްކިތެއްގައި މިދިޔަ ހުކުރު ދުވަހު މީހަކު އަޅުކަމުގައި ބައިވެރިވަނީ
ސްރީލަންކާގެ ކޮޅުނބުގެ މިސްކިތެއްގައި މިދިޔަ ހުކުރު ދުވަހު މީހަކު އަޅުކަމުގައި ބައިވެރިވަނީ
ރޮއިޓަރސް
ލަންކާގެ މުސްލިމުން
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
ސްރީލަންކާގެ މުސްލިމުންގެ ނިސްބަތަކީ އާބާދީގެ 9 އިން ސައްތަ

ސްރީލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދޭ ނުރައްކާތެރި ހަމަލާތައް އިތުރުވަމުންދާކަން ފާހަގަ ކުރެވެން ފަށައިފިއެވެ. މުސްލިމުންނަށް ދޭ ހަމަލާ ތަކާއި މުސްލިމުންނާ މެދު ރުޅިވެރިކަން އުފެއްދުމުގެ އެޖެންޑާގެ ފަހަތުގައިވަނީ ހައްދު ފަހަނަ އަޅާފައިވާ ބުޑިސްޓް ޖަމާއަތެއް ކަމުގައިވާ ބޮޑު ބަލާ ސޭނާ ކަން ލަންކާގެ އޮފިޝަލުންވެސް ވަނީ ފާހަގަ ކޮށްފައެވެ.

އާދިއްތަ ދުވަހު ލަންކާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިސްކިތަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ބުޑިސްޓް ފާދިރީ އަކާއި، ފުލުހަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕަނަންދުރައިގައި ހުންނަ މި މިސްކިތައް މެއި މަހުގެ ސަތާރަ ވަނަ ދުވަހު ދިން ހަމަލާގައި ޝާމިލްވި މީހުން ކަމަށް ތުހުމަތު ކުރެވޭ މި ހަތަރު މީހުން ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖުގެ އެހީގައިވެސް ލަންކާ ފުލުހުން ހާމަކޮށްފައި ވެއެވެ.

މި ހަތަރު މީހުން ހައްޔަރު ކުރި އިރު ޕެޓްރޯލް ބޮން ހަދަން ބޭނުންކުރާ ތަކެތިވެސް އެމީހުން ގެންގުޅެފައިވާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށާއި، މީގެ އިތުރުން ކަނޑި ފަދަ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަކެތިވެސް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު  ޕްރިޔާންތާ ޖަޔަކޮޑީ ހާމަކޮށްފައިވެއެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލު ތައް ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް ބުނެ ލަންކާގެ އިދިކޮޅު ޕާޓީތަކުން ނާއި ބޭރުގެ ޑިޕްލޮމެޓުން ގެންދަނީ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.

މިއަހަރުގެ އޭޕްރީލް 17 ގެ ފަހުން މުސްލިމުންނަށް އަމާޒު ކޮށް 20 ހަމަލާއެއް ލަންކާގައި ދީފައިވާ ކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ވިޔަފާރިތަކަށާއި، މިސްކިތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތައް ފާހަގަ ކުރެވެއެވެ.

ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވަނީ ގާނޫނު ނެގެހެއްޓުމަށާއި ތަންފީޒް ކުރުމަށް ފުލުހުންނަށް އަންގަވާފައެވެ. ނަމަވެސް ހަމަނުޖެހުންތައް ހުއްޓުމެއްނެތި ކުރިއަށް ދާކަން މީޑިއާއިން ފާހަގަ ކުރެއެވެ.

ސްރީލަންކާގެ އާބާދީގެ 70 އިން ސައްތަ އަކީ ބުޑިސްޓުންނެވެ.

ސްރީލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ އިން ސައްތަ އަކީ ނުވަ އެކެވެ.

ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންގެ ދުއްތުރާތައް މުސްލިމުންނަށް ކުރިމަތި ކުރުވަން އެމީހުން ދައްކާ ބަހަނާއަކީ އިސްލާމް ދީނަށް މީހުން ވެއްދުމާއި، ބުދު ދީނުގެ އާސާރީ ތަންތަން މުސްލިމުން ހަލާކު ކުރުން ކަމަށް ބުނެއެވެ.

2014 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގި ހަމަ ނުޖެހުންތަކުގައި ތިން މުސްލިމުން މަރުވެފައި ވެއެވެ.

މައިނޯރިޓީންގެ ގޮތުގައި ލަންކާގައި އުޅޭ މުސްލިމުންނާއި ތަމަޅައިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް މިހާރުގެ ރައީސް ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް