ފްރާންސް ލީގުގައި ނަންޓެސްއާ ދެކޮޅަށް ކުޅުނު މެޗު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ކާމިޔާބުކޮށްފިއެވެ.
ނަންޓެސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 އިންނެވެ. މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާ ޖޫނިއަރ މި މެޗުގައި ކުޅެފައެއްނުވެއެވެ. އޭނާގެ ބަދަލުގައި ކޯޗު ފުރުސަތު ދީފައިވަނީ ޕަބްލޯ ސަރަބިއާ އަށެވެ. މެޗުގައި ލިއޮނެލް މެސީ އާއި ކީލިއަން އެމްބާޕޭގެ މޮޅު ކުޅުން ވަނީ ފެނިފައެވެ. މީގެ ކުރީ މެޗުތަކުގައި ވެސް މި ދެ ކުޅުންތެރިންގެ މޮޅު ކުޅުން ފެނިފައިވާއިރު، މި މެޗުގައި އެމްބާޕޭ ވަނީ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑު ވެސް އެމްބާޕޭ ޖެހީ މެސީގެ އެސިސްޓުންނެވެ.
މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު އެމްބާޕޭ ޖެހީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ދެ ވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 54 ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ޖެހީ ނޫނޯ މެންޑޭސްއެވެ.
ލީގުގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް މާސޭއަށް ވެސް ހަ މެޗުން ލިބެނީ 16 ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނަ މަގާމުގައި ލިއޯން އޮތީ ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.