މި މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް އަންހެނުންގެ ފުޓްބޯޅަ މުބާރާތަށް ޓީމުގެ އަމާޒަކީ މުބާރާތުގެ ސެމީ ފައިނަަލުގައި ވާދަކުރުން ކަމަށް ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މަރިޔަމް މިރުފަތު ބުނެފިއެވެ.
މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ވަނީ ހޮނިހިރު ދުވަހު ނޭޕާލްއަށް ފުރާފައެވެ. މުބާރާތް އޮންނާނީ މި މަހުގެ 6ން 19ގެ ނިޔަލަށް ނޭޕާލުގައެވެ.
މުބާރާތަށް ފުރުމުގެ ކުރިން ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ކޯޗު މިރުފަތު ބުނީ މި މުބާރާތަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ވަރުގަދަ ރޫޙެއްގައި ހުރިހާ ކުޅުންތެރިންވެސް ތިބީ ރަނގަޅު ކާމިޔާބެއް ހޯދުމަށް ތައްޔާރަށްކަން މިރުފަތު ފާހަގަކުރިއެވެ. މީގެ އިތުރުން، ގިނަ ޒުވާން ކުޅުންތެރިންނާއެކު ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ތިބުމަކީ ރަނގަޅު ނަތީޖާއެއް ލިބުމަށް އޮތް އެންމެ ބޮޑު ހިތްވަރުކަމަށް މިރުފަތު ބުންޏެވެ.
މުބާރާތުގައި ޓާގެޓަކީ ސެމީ ކުޅުން. އިރާދަކުރެއްވިއްޔާމުން ސެމީއަށް ދާނެކަމުގެ އުންމީދު ވަރަށް ބޮޑުޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މަރިޔަމް މިރުފަތު
ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާ ނޭޕާލާއި، ބޫޓާން، އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ.
ރާއްޖޭގެ މެޗުތަކުގެ ޝެޑިއުލް
- ބަންގްލަދޭޝް - ދިވެހިރާއްޖެ، 6 ސެޕްޓެމްބަރު (16:45)
- ދިވެހިރާއްޖެ - އިންޑިއާ، 10 ސެޕްޓެމްބަރު (16:45)
- ދިވެހިރާއްޖެ - ޕާކިސްތާން، 13 ސެޕްޓެމްބަރު (16:45)