އަހަރުގެ މިހާތަނަށް ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ 13.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ މާލީ ހާލަތު ބަޔާންކުރާ ތަފާސްހިސާބުން ދައްކާގޮތުގައި, ނިމިދިޔަ އޮގަސްޓު 25ގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުންނެވެ.
13 ބިލިއަން ރުފިޔާގެ އާމްދަނީ ޓެކުހުން ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. ބިޒްނަސް ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 653 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 507 މިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބިފައިވަނީ 4.7 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިގޮތުން ފީއާއި ޗާޖުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 514.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެހެނިހެން ފީއާއި ޗާޖުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިވިފައިވެއެވެ. ރެޖިސްޓްރޭޝަން އާއި ލައިސެންސް ފީގެ ގޮތުގައި 506 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން ބިމުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ޖޫރިމަނާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 11.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރާންޓްސްގެ ގޮތުގައި 235 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އޮގަސްޓު 25ގެ ނިޔަލަށް ދައުލަތުން މިހާތަނަށް ކޮށްފައިވާ ޚަރަދު ވަނީ 24 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 17.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.