ޔޫރަޕުގެ ޤައުމެއް ކަމަށްވާ ލިކްޓަންސްޓައިންގެ މަޖިލީހުގައި ބިންހެލުމުގެ ސަބަބުން ލިބޭ ގެއްލުމުގެ އިންޝުއަރެންސާ ގުޅޭގޮތުން ބަހުސެއް ކުރިއަށްދަނިކޮށް ބިންހެލުމެއް އަތުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު އެ ޤައުމަށް އައީ 4.1 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެގޮތުން، ދެ ބިންހެލުމެއް އައިސް މަޖިލިސްކުރާގެ ހެލޭ މަންޒަރު އެ ޤައުމުގެ މަޖިލީހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެނެއެވެ.
ފުރަތަމަ ބިނެހްލުމާއެކު ފެނިގެންދިޔައީ އެވަގުތު މަޖިލީހުގައި ވާހަކަދައްވަން އިންނެވި ލޯމޭކަރ ބެޓީނާ ޕެޒޮލްޑް މެހެރް ވާހަކައިގެ ތެރެއިން ހިނިތުންވާ މަންޒަރެވެ. ފުރަތަމަ ބިންހެލުމުގެ އަސަރު އެހާ ބޮޑަށް މަޖިލިސް ކުރާ ގެއަށް ނުކުރި ނަމަވެސް ދެވަނަ ބިން ހެލުމާއެކު މަޖިލިސްކުރާގެއަށް ވަރަށް ބޮޑަށް އޭގެ އަސަރު ކުރިއެވެ. އެއާއެކު މަޖިލީހުގެ ރައީސް އަލްބަރޓް ފްރިކް ވަނީ މަޖިލިސް ހުސްކުރުމަސް އަންގައި ވަގުތީ ގޮތުން ސެޝަން މެދުކަނޑާލައިފައެވެ.
ލިކްޓަންސްޓައިންގެ ފުލުހުން ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ބިންހެލުންތަކުގެ ސަބަބުން އާއްމުންގެ ފަރާތުން ގިނަ އަދަދެއް ޝަކުވާތައް އެ އިދާރާއަށް ވަނީ ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި އިމާރާތަކަށް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
މި ބިންހެލުމުގެ އަސަރު އޮސްޓްރިއާ އާއި ސްވިޒަލެންޑުގެ އިތުރުން ޖަރުމަނުގެ ބައެއް ސްޓޭޓުތަކަށް ވެސް ކުރިއެވެ.